އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އާދިއްތަ ދުވަހު އީރާނުން ކުވައިތާއި ބަހްރައިނަށް ޑްރޯނާއި މިސައިލް ހަމަލާތަކެއް ދީފި އެވެ. މި ހަމަލާތަކުގައި ކުވައިތުގެ ފެނާއި ކަރަންޓު އުފައްދާ ކާރުޚާނާއެއްގައި ވަނީ ރޯވެފައެވެ.
ކުވައިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ، ވޯޓާ އެންޑް ރިނިއުވަބަލް އެނާޖީން ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް އެ ގައުމުގެ ފެނާއި ކަރަންޓު އުފައްދާ މަރުކަޒަކަށް އީރާނުން ހަމަލާދީފައިވާ ކަމަށެވެ. އީރާނުގެ މި "ނުރައްކާތެރި އުދުވާނީ ހަމަލާ" ހަރުކަށި އިބާރާތުން އެ މިނިސްޓްރީން ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން ބަހްރައިންގެ އަސްކަރިއްޔާއިން ބުނީ އީރާނުން ދިން "ޚިޔާނާތްތެރި" ހަމަލާތައް އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމުން ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ކުވައިތަށް ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަމާޒުކުރީ ކޭމްޕް އަލް-އަދީރީގައި ހުންނަ އެމެރިކާގެ ހަތިޔާރު ގުދަނަކަށެވެ. އަނެއް ހަމަލާ އަމާޒުކުރީ އެމެރިކާ ސިފައިން ތިބޭ އަލީ އަލް ސާލިމް އެއާ ބޭސްގެ ޑިފެންސް ރާޑަރުތަކަށެވެ. އީރާނުގެ ބްރޯޑްކާސްޓަރު އައި.އާރު.އައި.ބީ. މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އެ ގައުމުގެ އަސްކަރިއްޔާއިން ބުނީ އީރާނުގެ ރައްޔިތުންނާއި އިންސާނިއްޔަތުގެ ދުޝްމަނުންނާ ދެކޮޅަށް "ސާބިތުކަމާއެކު ދެމިތިބޭނެ" ކަމަށެވެ.
އެ ހަމަލާތަކުގެ އިތުރުން، އުރުދުންގެ އަގަބާ ސިޓީއަށް ވެސް އީރާނުން މިސައިލެއް ފޮނުވާލި ކަމަށާއި، އެ މިސައިލް ވައްޓާލީ އިސްރާއީލާއި އުރުދުންގެ ސިފައިން ގުޅިގެން ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން އޭ.އެފް.ޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވެއެވެ. ހަމައެއާއެކު، ހުރްމުޒް ކަނޑުއޮޅިން "ނުރައްކާތެރި މަގަކުން" ދަތުރުކުރަން އުޅުނު ދެ އުޅަނދެއް ހުއްޓުވާފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ހާމަކޮށްފައެވެ.
އީރާނުން މި ފިޔަވަޅު އަޅާފައި މިވަނީ، ވިދިވިދިގެން އަށް ރޭ ވަންދެން އީރާނަށް ދިން ހަމަލާތަކުގެ މަގްސަދަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ކުރިމަތިވާ ނުރައްކާ ކުޑަކުރުން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައި ވަނިކޮށެވެ. އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒުވީ ހުރްމުޒްގާން އަދި ޚޫޒިސްތާން ޕްރޮވިންސްގެ އިތުރުން ގޭޝްމް އައިލެންޑަށެވެ. މީގެ އިތުރުން، އެ ގައުމުގެ ހުޅަނގު ދެކުނުގައި އަޅަމުންދާ ނިއުކްލިއާ ޕަވަރ ޕްލާންޓަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ އީރާނުގެ ނިއުކްލިއާ އެނާޖީ އެޖެންސީން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.
މި ފަހުގެ ހަމަލާތަކާ އެކު، މިދިޔަ އޭޕްރީލް މަހު އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މުޅިންހެން ވަނީ ރޫޅިފައެވެ. އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ކަނޑުގެ މަގުތައް މަޑުމަޑުން ހުޅުވާލުމަށް ދެ ފަރާތުން މިދިޔަ މަހު ސޮއިކުރި ފަހުމުނާމާއަށް ފަހު ވެސް، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އޮތް ޚިޔާލުތަފާތުވުންތައް ހައްލެއް ނުވިއެވެ. އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް މެނޭޖްކުރުމުގެ ހައްގު އީރާނަށް އޮންނާނެ ކަމަށް އީރާނުން ބުނާއިރު، އެ ސަރަހައްދުގެ ކޮންޓްރޯލް އީރާނަށް ނޯންނާނެ ކަމަށް އެމެރިކާއިން ބުނެ، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ވަނީ އަލުން ބްލޮކޭޑް އަޅާފައެވެ.
މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ގަތަރުގައި ހުންނަ ޖޯޖްޓައުން ޔުނިވާސިޓީގެ ޕްރޮފެސަރު ޕޯލް މުސްގްރޭވް އަލްޖަޒީރާ އަށް ވިދާޅުވީ، މިއީ އީރާނުގެ ދެމިއޮތުމާ ގުޅިފައިވާ ހަނގުރާމައެއް ކަމަށް އީރާނުން ދެކޭ ކަމަށާއި، އެހެންކަމުން ސާބިތުވެ އޮތުމުގެ ބާރު އޮތީ އީރާނުގެ އަތުގައި ކަމަށެވެ. "ފެބްރުއަރީ މަހުން ފެށިގެން ފެންނަމުންދަނީ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ދެ ފަރާތުގެ މެދުގައި ހުރި ބޮޑު ތަފާތު. ތެހެރާނުގެ ސަރުކާރުން މި ކުރަނީ އެ ގައުމުގެ ދެމިއޮތުމަށްޓަކައި ކުރާ ހަނގުރާމައެއް. ނަމަވެސް އެމެރިކާއާއި އިސްރާއީލުން ކުރަނީ ސިޔާސީ ނިންމުންތަކަކާ ގުޅިގެން ކުރާ ހަނގުރާމައެއް،" މުސްގްރޭވް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ