މަރާމާތަށްފަހު މާފަންނު ފުޓްސަލް ދަނޑު މިއަދު ރަސްމީކޮށް ހުޅުވައި، ބޭނުންކުރުމަށް ދޫކޮށްލައިފި އެވެ.
ދަނޑު ހުޅުވުމަށް ޚާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދަނޑު ހުޅުވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އެވެ. މި ރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ނަޒީމްގެ އިތުރުން މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ދަނޑު ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑުތަކަކީ ގިނަ އަދަދެއްގެ ޒުވާނުން އެކި މުނާސަބުތަކުގައި ބޭނުންކުރަމުން އަންނަ ތަންތަން ކަމަށާއި، އެ ދަނޑުތަކަކީ ރައްކާތެރި އަދި ކުޅެން އެކަށީގެންވާ ތަންތަން ކަމުގައި ހެދުމަކީ ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
މާފަންނުގެ ޒުވާނުންނަށް އައު ދަނޑެއްގެ ގޮތުގައި މި ދަނޑު ދޫކޮށްލެވޭއިރު، ދޭން ބޭނުންވާ އެންމެ މުހިންމު މެސެޖަކީ ގިނަ ދުވަސްތަކެއް ވަންދެން މި ދަނޑު ބޭނުންކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދަނޑުގެ ރައްކާތެރިކަމަށް އެންމެންވެސް އިސްކަންދިނުމަށް އޭނާ އެދިވަޑައިގަތެވެ.
މާފަންނު ފުޓްސަލް ދަނޑު މަރާމާތުކުރުމަށްޓަކައި ބަންދުކޮށް، އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މަރާމާތުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު މި މަހުގެ ހަތަރު ވަނަ ދުވަހު އާރުޑީސީން ވަނީ ދަނޑު ސްޕޯޓްސް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ