އެޗްޑީސީ އިން ޖާހު އިންވެސްޓްމަންޓްސްއާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފި

އެޗްޑީސީ އިން ޖާހު އިންވެސްޓްމަންޓްސްއާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފި

ގުޅުންހުރި

ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ "ދަ ގާޑެންސް" އެޕާޓްމަންޓްތައް ނިންމުމަށް ދީފައިވާ ފަހުގެ ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނިންމާފައި ނުވާތީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖާހު އިންވެސްޓްމަންޓްސްއާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފިއެވެ.

2017 ވަނަ އަހަރު ޖާހު އިންވެސްޓްމަންޓްސްއާ ހަވާލުކުރެވުނު މި މަޝްރޫޢަކީ ދެ އަހަރުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މަޝްރޫޢެކެވެ. ނަމަވެސް ހަތް އަހަރު ފާއިތުވެގެންދިޔައިރުވެސް މަޝްރޫޢުގެ މަސައްކަތް މިހާތަނަށް ނިމިފައެއް ނުވެއެވެ.

އެޗްޑީސީން މި މަހުގެ 27 ވަނަ ދުވަހު ޖާހު އިންވެސްޓްމަންޓްސްއަށް ނޯޓިސްއެއް ދީ، 45 ދުވަހުގެ ތެރޭގައި ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް އަންގާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމިއްޖެނަމަ އެއްބަސްވުން ބާޠިލުކޮށް މަޝްރޫޢު އެ ކުންފުނީގެ އަތުން ނެގޭނެކަންވެސް ވަނީ އަންގާފައެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޯޓިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖާހު އިންވެސްޓްމަންޓްސްއިން މަސައްކަތް ނިންމާފައިނުވާތީ، އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، ތަން ހަވާލުކުރުމަށް އެ ކުންފުންޏަށް މިއަދު އަންގާފައިވާކަމަށެވެ.

އަދި މި އެއްބަސްވުން ބާޠިލުކުރުމަށްފަހު އެ މަޝްރޫޢުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާގޮތުގެ މަޢުލޫމާތު އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާ ހިއްސާކުރާނެކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "މި ކޯޕަރޭޝަނުން މި އެޅި ފިޔަވަޅު އަޅާފައިމިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ