ކޯވިޑް-19 އާއިއެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އެނގިއްޖެ: ރައީސް

ކޯވިޑް-19 އާއިއެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އެނގިއްޖެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2020 03:38
0

ކޯވިޑް-19 އާއިއެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އެނގިގެން ހިނގައްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އާންމު ސިއްހަތުގެ އެންމެ މުހިންމު އެއްބަޔަކީ ނަފްސާނީ ގޮތުން ދުޅަހެޔޮކަން މަތީ ހުރުންކަމަށެވެ. ހަމަ މިއާއި އެކު ކޯވިޑް-19 ގެ ސަބަބުން ނަފްސާނީ ގޮތުން ދުޅަހެޔޮ ކަންމަތީ ތިބުމަކީ ކިހާ މުހިންމު ކަމެއްކަން އެގިގެން ހިނގައްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމު ކުރުމަކީ ސަރުކާރުން ވެފައިވާ ވަޢުދެއް ކަމަށާއި އެކަން ހާސިލު ވަމުންދާކަމަށެވެ. ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެ ފަރުވާ އާސަންދައިގެ ދަށުން ދެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.

ކޯވިޑް-19 ސަބަބުން ނަފްސާނީ މައްސަލަތައް ރާއްޖޭގައި 3ގުނައަށް އިތުރުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. މި ހާލަތުގައި އެންމެ ގިނައިން ނަފްސާނީ އެހީ ރާއްޖޭން ދީފައިވަނީ ޒުވާނުންނަށެވެ. އެގޮތުން ކޯވިޑް-19ގެ މި ހާލަތުގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދީފައި ވަނީ ސެންޓަރ ފޯރ މެންޓަލް ހެލްތާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެންނެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއް ލޮކްޑައުންކޮށް ބަންދުވެފައި ތިބެންޖެހުމުން ނަފްސާނީ ގޮތުން ގިނަ ބަޔަކަށްވަނީ އަސަރުކޮށްފައެވެ. ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.