ވިސްލްބްލޯކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި

ވިސްލްބްލޯކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި

Author
ހުސައިން
22 ފެބްރުއަރީ 2025 08:57
0

ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާތީ އެކަމާ ގުޅޭގޮތުން ވިސްލްބްލޯކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން މިރޭ ނެރުނު ނޫސްބަޔާނެއްގައި، އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ކުންފުނީގެ އެއްވެސް ކަމަކާ ބެހޭގޮތުން ދަޢުލަތުގެ އެއްވެސް އިދާރާއެއްގައި ވިސްލްބްލޯ ކުރުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް ބުނެފައިވެއެވެ. އަދި އެގޮތުން ވިސްލްބްލޯ ކުރި މުވައްޒަފަކު ވަކިކޮށްފައިވާކަމަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން ޚަބަރު ފަތުރަމުން ދިޔުން، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ވަނީ، ވިސްލްބްލޯކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައިގައި ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައެވެ.

ޕޯސްޓް ލިމިޓެޑްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިފަހުން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަކީ އޭނާގެ މަސައްކަތު ޕާފޯމަންސާއި މަސައްކަތު އަޚްލާގާ ގުޅުންހުރި މައްސަލަތަކެއްގައި، އެމުވައްޒަފު އޮފީހަށް ވަނީއްސުރެން ގާތްގަޑަކަށް 10 މަހަށް ދެމިގެން ދިޔަ މަރުޙަލާތަކުގައި ނަސޭހަތާއި، އިންޒާރު ދިނުމާއެކު، "ޕާފޯމަންސް އިމްޕްރޫވްމަންޓް ޕްލޭން" އެއްގެ ދަށަށް ގެނެވުނު ނަމަވެސް، އެއްވެސް ބަދަލެއް ނުގެނެސް ހުރުމުން ވަކިކުރެވުނު މުވައްޒަފެކެވެ. އަދި މި މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ހަމައަށް އެޅުނު ހުރިހާ އިޞްލާހީ ފިޔަވަޅުތަކެއް އެޅިފައިވަނީ ކުންފުނީގެ މުވައްޒަފުންނާ ބެހޭ ޤަވާޢިދާއި ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ހަމަތަކުގެ ތެރެއިންކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ބަޔާނުގައި ފާހަގަކޮށްފައިވަނީ، ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަކީ ރެކްރޫޓްކުރެވުނު މަޤާމަށް ރެކްރޫޓް ކުރުމުގެ ކުރިން، ކޮމްޕެނީ ސެކްރެޓަރީގެ މަގާމަށް ކުރިމަތިލައި އެމަޤާމަށް ނުހޮވުމުން ނުރުހުން ފާޅުކުރި މީހެކެވެ. އަދި މީނާ ރެކްރޫޓް ކުރެވުނު މަޤާމުގެ ޕްރޮބޭޝަން މުއްދަތުގައި ހުރެ، ކުންފުނިން އިއުލާން ކުރި އިސް މަޤާމުތަކަކަށް ކުރިމަތިލައި، އެ މަޤާމުތަކަށް އިންޓަރވިއުއަށް ނުކިޔައިގެން އެކިތަންތަނުގައި ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދިޔަ މުވައްޒަފެކެވެ.

މީގެއިތުރުން، މި ހިތްހަމަނުޖެހުންތައް މެނޭޖިން ޑިރެކްޓަރާ ހަމައަށް ގެންދިއުމަށް އޮފީހުން ބޭރުގެ ޢިއްޒަތްތެރި ބޭފުޅަކު މެދުވެރިކޮށް، އިންޓަވިއުއަށް ނުކިޔުމާއި މަޤާމަށް ނުހޮވުމާ ގުޅިގެން އިޙްތިޖާޖުކޮށް، މިހާރު ހުރި މަޤާމަށްވުރެ ރަނގަޅު މަޤާމަކަށް ޕްރޮމޯޝަން ދިނުމަށާއި، އިންނަތަން ކޮޓަރިއަކަށް ބަދަލުކޮށްދިނުމަށް އަވަސް ކުރުމަށް މެނޭޖިން ޑިރެކްޓަރަށް ބިރުދައްކާފައިވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.