މިހާތަނަށް މާލޭ ސަރަހައްދަށް 9،394 މަސްދަޅު ކޭސް ބަހާފައި

މިހާތަނަށް މާލޭ ސަރަހައްދަށް 9،394 މަސްދަޅު ކޭސް ބަހާފައި

ގުޅުންހުރި

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރަމަޟާން މަހާ ދިމާކޮށް މިހާތަނަށް މާލޭގައި 9،394 މަސްދަޅު ކޭސް ބަހާފައިވެއެވެ. މަސްދަޅު ކޭސް ބަހަން ފެށީ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި މިފްކޯ އޮފީސް ކޮމްޕައުންޑާއި ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ.

މިހާތަނަށް ބެހުނު މަސްދަޅު ކޭސްތަކުގެ ތެރޭގައި ވިލިމާލެއިން 582 މަސްދަޅު ކޭސް، އެމްޓީސީސީ ސޯމިލުން 2،083 މަސްދަޅު ކޭސް، މިފްކޯއިން 3،666 މަސްދަޅު ކޭސް، ހިޔާ ފްލެޓު 10 އިން 1،555 މަސްދަޅު ކޭސް އަދި އުމަރު ޒާހިރު ބިލްޑިންގއިން 1،508 މަސްދަޅު ކޭސް ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މާދަމާ ރެއިން ފެށިގެން ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިޑިބަރި ކައިރިންނާއި، ސޯޝަލް ސެންޓަރުން އަދި ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އިތުރު ދެ ތަނަކުން މަސްދަޅު ކޭސް ބަހަމުން ގެންދާނެއެވެ. މިއާއެކު ޖުމްލަ 13 ތަނަކުން މަސްދަޅު ކޭސް ބަހަމުންދާނެ ކަމަށާއި، ކޮންމެ ތަނެއްގައި ފަސް މޭޒަކުން މަސްދަޅު ކޭސް ބެހުން ކުރިޔަށް ގެންދާނެއެވެ.

ދުވާލުގެ ވަގުތުތަކުގައި ހޫނުގަދަ ކަމަށް ފެންނާތީ، އެ ވަގުތުތަކުގައި ރޯދަ ހަދިޔާ ދޫކުރުން ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާދަމާ މަސްދަޅު ކޭސް ބަހާނީ ހެނދުނު 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. އާދިއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް މަސްދަޅު ކޭސް ބަހާނީ 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.

ރޭގެ ވަގުތުތަކުގައި ގިނަ އިރު ވަންދެން ސަފުގައި ތިބެންޖެހުމާ ގުޅިގެން، މަސްދަޅު ކޭސް ބެހުމުގެ ކަންކަން ދޯދިޔާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރިއެވެ. މިކަމަށް މިނިސްޓަރު މަޢާފަށް އެދިވަޑައިގަތުމާއެކު، ގިނަ މީހުން ޝާމިލްކޮށްގެން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ވަރުގަދަކުރުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.

އަދި ދިގު ކިއުއަށް ނޭރިކަމުގައި ވީނަމަވެސް، އަންނަ ހަފުތާގެ ބުދަ ދުވަހުގެ ފަހުން ވެސް މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނެ ކަމަށާއި، ހުރިހާ ގޭބީސީއަކަށް ހަދިޔާ ލިބުނުކަން ޔަގީންވުމުން މަސްދަޅު ކޭސް ބެހުން ހުއްޓާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ