ޑިމާންޑް ބޮޑުވެ، މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ 13 ތަނަކުން މަސްދަޅު ކޭސް ދޫކުރާނެ

ޑިމާންޑް ބޮޑުވެ، މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ 13 ތަނަކުން މަސްދަޅު ކޭސް ދޫކުރާނެ

ގުޅުންހުރި

ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ބެހުމަށް މާލެ ސަރަޙައްދުގައި އިތުރު ތަންތަން ހަމަޖައްސައި މާދަމާއިން ފެށިގެން ޖުމްލަ 13 ތަނަކުން މަސްދަޅު ކޭސް ދޫކުރާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިއަދު ވިދާޅުވި ގޮތުގައި، މާދަމާ ހޮނިހިރު ރޭ ފެށިގެން މާލޭގައި، ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރިން، ސޯޝަލް ސެންޓަރު، ހެންވޭރު ދަނޑު އަދި ހުޅުމާލޭ ފޭސް 1 އާއި 2 ގައި އިތުރު 2 ތަނެއް، ޖުމްލަ 13 ތަނަކުން، ކޮންމެ ތަނެއްގައި 5 ޓޭބަލް ބަހައްޓައިގެން މަސްދަޅު ބެހުން ކުރިއަށް ގެންދާނެއެވެ.

މިހާތަނަށް ގްރޭޓަރ މާލޭ ސަރަޙައްދުގައި ރޯދަ ހަދިޔާ މަސްދަޅު ބެހިފައިވާ ގޮތަށް ބަލާއިރު، ވިލިމާލެއިން 582 ކޭސް، އެމްޓީސީސީ ސޯމިލުން 2083 ކޭސް، މިފްކޯއިން 3666 ކޭސް، ހިޔާ ފްލެޓް 10 އިން 1555 ކޭސް އަދި އުމަރު ޒާހިރު ބިލްޑިންގުން 1508 ކޭސް ބަހާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ޖުމްލަ 9394 ކޭހެވެ.

ހޫނު ގަދަކަމަށް ފެންނާތީ، ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރޭގައި މަސްދަޅު ދޫކުރިއިރު ކިޔޫގައި ގިނަ ވަގުތު ތިބެންޖެހުނީތީ ހިތާމަކުރާ ކަމަށާއި، މި މަސައްކަތުގައި މޭންޕަވަރ އިތުރުކޮށް، އިންތިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

ދިގު ކިޔޫއަށް ނޭރިޔަސް، ކުރިއަށް މިއޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ގިނަ ވަގުތު ކިޔޫގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް ކުރިއަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި އިތުރު އިންތިޒާމުތަކާއެކު، ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ފަސޭހަވެގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ