އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ގާނޫނަށް ގެނައި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭއްވުނު ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުން މި އިސްލާހު ވަނީ ފާސްވެފައެވެ.
މި އިސްލާހުގެ ދަށުން، އެހެން ގާނޫނެއްގެ ދަށުން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ޑަބްލިއުޑީސީގެ ކޮންމެ މެންބަރަކަށް، ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3،000 ރުފިޔާގެ އިނާޔަތެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި އިސްލާހުގައި ޑަބްލިއުޑީސީތަކުގެ މަސްއޫލިއްޔަތުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އަންނަ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދޭން ފަށާނެކަމަށް ވިދާޅުވެފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރެއްވި ދަތުރުފުޅެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އަންހެނުންގެ ކޮމިޓީތަކަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ ނުކުތާއެއްގެ ސަބަބުން ބޭއިންސާފު ތަހައްމަލުކުރަމުންދާ ކޮމިޓީތަކެއް ކަމަށެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުތު ހަމަވާ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށާއި ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ