ހުޅުމާލޭގެ މަގުމަތީގައި ހުންނަ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް މޮނިއުމަންޓް ބެހެއްޓުމުގެ ބަދަލުގައި ބަގީޗާ ހެއްދުމަށް އެޗްޑީސީން ނިންމައިފިއެވެ. އެޗްޑީސީގެ ސީއީއޯ އަޙްމަދު އިބްރާހިމް ހާމަކުރެއްވި ގޮތުގައި މި ނިންމުން ނިންމީ އާންމުންގެ ފަރާތުން ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކޮށްގެންނެވެ.
ޓްވިޓަރގައި އަޙްމަދު އިބްރާހިމް ވިދާޅުވީ، އާންމުންގެ ނުރުހުމާ ގުޅިގެން ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ބަހައްޓަން ނިންމާފައިވާ ކޮންކްރީޓް މޮނިއުމަންޓްތަކުގެ ޕްލޭން އަލުން މުރާޖަޢާކުރަން ޖެހުނު ކަމަށެވެ. އަދި މިހާރު "ޕައިލެޓް ރައުންޑްއަބައުޓް އައިލެންޑް" ޕްރޮޖެކްޓްގެ ދަށުން ގްރީންސްކޭޕިންގެ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށެވެ. އަދި މި ގަސްތައް ހެދި ބޮޑުވެ، މާފޮޅޭ ހިސާބަށް ދިއުމުން އިތުރަށް ރީތިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން އެޗްޑީސީން ވަނީ ހުޅުމާލޭގެ 17 ސަރަހައްދެއްގައި މޮނިއުމަންޓް ބެހެއްޓުމަށް ޑިޒައިން މުބާރާތެއް ބާއްވާ، އެ މުބާރާތަށް ހަތް ހުށަހެޅުމެއް ލިބިފައެވެ. ނަމަވެސް މިހާރު އެޗްޑީސީން ވަނީ މުޅި ޕްލޭން އަލުން މުރާޖަޢާކޮށް، ކޮންކްރީޓް މޮނިއުމަންޓްގެ ބަދަލުގައި ގަސްގަހާގެހި އިންދުމަށް ނިންމާފައެވެ. މި ބަދަލަކީ ހުޅުމާލެ އިތުރަށް ޒީނަތްތެރިކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތަރައްޤީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.