ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގަވާއިދާ ހިލާފަށް "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރި މައްސަލައިގައި ސަސްޕެންޑް ކުރެވުނު ބައެއް މުވައްޒަފުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ. މި މައްސަލަ ފުރަތަމަ ސޯޝަލް މީޑިއާގައި ފެތުރުނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން ފަރާތަކަށް ޝަރުތު ހަމަނުވަނީސް ގޯތި ލިބުނު ކަމުގެ މަޢުލޫމާތާ އެކުގައެވެ.
މި މައްސަލައާ ގުޅިގެން ނުއަގުގައި ބިންތަކެއް ވިއްކުމާއި ވިނަރެސް ފްލެޓް ދޫކުރުމުގެ އިތުރު މައްސަލަތަކެއް ވެސް ހާމަވެގެން ދިޔައެވެ. މިކަމާ ގުޅިގެން އެޗްޑީސީގެ ބޯޑު މެންބަރުންނާއެކު ފަޒުލް ވެސް ސަސްޕެންޑް ކުރެވުނެވެ. ނަމަވެސް ސަސްޕެންޝަންގައި ހުންނަވަނިކޮށް އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެފަހުން މައުރޫފް ޖަމީލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެން، ޕީސީބީން ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައެވެ.
މި މައްސަލަތަކާ ގުޅިގެން އެޗްޑީސީގެ 15 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްފަހު، އަލުން އެ މީހުންގެ ވަޒީފާ އިއާދަކޮށް ސަސްޕެންޑް ކުރެވުނެވެ. މިހާރު އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ސަސްޕެންޝަން ވަނީ އުވާލާފައި ކަމަށް އެޗްޑީސީގެ އޮފިޝަލަކު "ދެން" އަށް ކަށަވަރުކޮށްދެއްވާފައިވެއެވެ.
"ބިންވެރިޔާ" ސްކީމްގެ މައްސަލައާ ގުޅިގެން ފަޒުލް އަދި ފަޒީލްގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގައި މަސައްކަތްކުރެއްވި ބައެއް ވެރިން ހިމެނޭގޮތަށް 20 މީހެއްގެ ޕާސްޕޯޓު ވަނީ ހިފެހެއްޓިފައެވެ. ނަމަވެސް އޭގެ ތެރެއިން 9 މީހެއްގެ ޕާސްޕޯޓު މިހާރު ވަނީ ދޫކޮށްލާފައެވެ.