ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަލަށް ތަޢާރަފުކުރާ ނޭޝަނަލް ސަރވިސް ޕްރޮގްރާމްގެ މަސައްކަތް ފެށުމަށް ރައީސް އޮފީހުން ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ. މި ޕްރޮގްރާމަކީ އެކަށީގެންވާ ނަތީޖާއެއް ނުލިބި، ވަޒީފާއެއް ނެތި ތިބޭ ދަރިވަރުން ސިފައިންނާއި ފުލުހުންގެ ވަޒީފާތަކަށް ވަނުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެށުމަށްޓަކައި، ރައީސް އޮފީހުން މިއަދު ވަނީ ނޭޝަނަލް ސަރވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށް މީހުން ހޯދުމަށް ސަރުކާރުގެ ގެޒެޓުގައި އިޢުލާނެއް ކުރައްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ސިފައިންނަށް އަހަރަކު 1,000 މީހުންނާއި ފުލުހުންނަށް އަހަރަކު 1,000 މީހުން ބޭނުންވާނެއެވެ. އެހެންކަމުން، މި ޕްރޮގްރާމުގެ ދަށުން، އޯލެވެލް ނިންމުމަށްފަހު އިތުރަށް ކިޔެވުމުގެ ފުރުޞަތު ނުލިބޭ އަދި ވަޒީފާއެއް ނެތް 16 އަހަރުން މަތީގެ ޒުވާނުން، މި ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެއެވެ. މިއީ ޤާނޫނަކުން ލާޒިމްކުރެވޭނެ ކަމެކެވެ.
މި ޕްރޮގްރާމަށް ދައުލަތުން އަހަރަކު 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ސިފައިންގެ ނުވަތަ ފުލުހުންގެ އިދާރާއިން ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.