އަލީ ރަމީޒު، ޖަމިއްޔަތުލް ސަލަފުން ވަކިވެ، "މަންފާ" ގެ ނަމުގައި އައު ދީނީ ޖަމިއްޔާއެއް އުފައްދައިފިއެވެ. މި އައު ޖަމިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމްދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދިނުމާއި، އިސްލާމީ ދަންމަރު ދިވެހިރާއްޖޭގައި ނެގެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމަކީވެސް މި ޖަމިއްޔާގެ މުހިންމު މަޤްޞަދެކެވެ.
ޖަމިއްޔަތުލް ސަލަފުގެ ހިންގާ ކޮމެޓީގެ އަށްވަނަ ދައުރު ފެށިފައިވަނިކޮށް، އެ ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރުގެ މަޤާމުގައި ހުރި އަލީ ރަމީޒު، 2023 ވަނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު އެ ޖަމިއްޔާއިން ވަކިވެފައިވާކަން އިޢުލާންކުރިއެވެ. ނަމަވެސް ވަކިވި ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އަލީ ރަމީޒަކީ 2006 ވަނަ އަހަރު ޖަމިއްޔަތުލް ސަލަފު އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތް ކަމާއި، އެ ޖަމިއްޔާއިން ހިންގި ގިނަ ހަރަކާތްތަކުގައި އޭނާގެ މުހިންމު ދައުރެއް އޮތްކަން ފާހަގަކުރެވެއެވެ.