މޫސުމާބެހޭ ޤައުމީ އިދާރާއިން އަންގަވާފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެއެވެ. މި ގޯސް މޫސުމުގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯވާރޭ ވެހި، ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
މޫސުމާބެހޭ އިދާރާއިން އިތުރަށް ވިދާޅުވެފައިވަނީ ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަވެ، ވިލާގަނޑު އިތުރަށް ގަދަވެދާނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެނިހެން ސަރަހައްދުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 އާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖަހާނެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާފާނެ ކަމަށްވެސް ލަފާކުރެއެވެ.
މި ނުރައްކާތެރި މޫސުމާ ގުޅިގެން މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދު ސަމާލެއް ނެރެފައެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު ހެނދުނު 4:30 އިން 10:30 އަށެވެ. މި ވިއްސާރައިގެ ސަބަބުން ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވެ، އުތުރުގެ ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.
މި ވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ މާދަމާގެ ފަހުންނެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ކ. ދިއްފުށްޓަށް ކަމަށްވާއިރު، އެރަށަށް 77 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަންއާއި އޭގެ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.