އާރުޑީސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މޫކޭއާއި ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި

އާރުޑީސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މޫކޭއާއި ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި

Author
ހުސައިން
27 ޑިސެމްބަރ 2024 10:31
0

ދިވެހި ފުލުހުންގެ ޚިދުމަތުން އާރުޑީސީގެ ޚިޔާނާތުގެ މައްސަލައެއްގެ ތަހުގީގާ ގުޅިގެން، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފިއެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ މޫސާ އަލިމަނިކު ދިރިއުޅޭ ގެއާއި، ޔާސިރު ހަސަނަށް ނިސްބަތްވާ ދެ ތަނަކުން އިލެކްޓްރޯނިކް ސާމާނުތަކެއް އަތުލައިގަނެފައެވެ. ނަމަވެސް އަތުލައިގަނެވުނު ތަކެތީގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ތަހުގީގުން ހާމަވެފައިވާ ގޮތުގައި އާރުޑީސީން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިންނާއި އެ ފަރާތްތަކާ ގުޅުންހުރި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވެއެވެ. މީގެ ތެރޭގައި އެއް ފަރާތެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ ފަރާތެއްގެ އެކައުންޓަށް 4 މިލިއަން ރުފިޔާ ޖަމާކުރެވިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ތަހުގީގުން ދައްކާގޮތުގައި މި މައްސަލައިގައި ހިމެނޭ އެއް ފަރާތެއްގެ އެކައުންޓަށް އާރުޑީސީން 216 ޓްރާންސެކްޝަން ހަދާފައިވެއެވެ. މި ޓްރާންސެކްޝަންތަކުގެ ތެރޭގައި އެތައް ބައެއްގެ އެކައުންޓުތަކާ ގުޅުންހުރި އިތުރު ގިނަ ޓްރާންސެކްޝަންތަކެއް ހިމެނޭކަމަށާއި، މި އެކައުންޓުތަކުގެ މަޢުލޫމާތު ވަކިވަކިން ހޯދަންޖެހޭކަމަށް ފުލުހުން ބުނެފައިވެއެވެ. ތަހުގީގުން އިތުރަށް ހާމަވެފައިވަނީ ޚިޔާނާތުގެ ފައިސާ ނިމިދިޔަ ސަރުކާރުގެ ބައެއް ވެރިންނާއި އެ ފަރާތްތަކާ ގުޅުންހުރި ކުންފުނިތަކަށް ލިބިފައިވާކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.