އެޗްޑީސީން ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށް "ފަން ޑޭ"އެއް

އެޗްޑީސީން ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށް "ފަން ޑޭ"އެއް

Author
އަހުމަދު
07 ޑިސެމްބަރ 2024 10:45
0

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން މި އަހަރުގެ "ފިޔަވަތި ފަން ޑޭ" ކުރިއަށް ގެންގޮސްފިއެވެ.

"ފިޔަވަތި ފަން ޑޭ" އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން، މުނިފޫހި ފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި، ހަދިޔާ ދިނުމާއެކު އެކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ކުރީ އަހަރުތަކާ ހިލާފަށް، މި އަހަރު މި އިވެންޓު ފާހަގަކޮށްފައިވަނީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކުއެވެ.

އެގޮތުން ތަފާތު ގިނަ ހަރަކާތްތަކާއެކު މި އަހަރުގެ ފިޔަވަތި ފަންޑޭ މިއަދު ކުރިއަށްގެންދިޔައީ ހުޅުމާލޭގެ ފަރުކޮޅުފުށީގައެވެ. މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ހަރަކާތްތައް ފެށީ ހެނދުނު 8:30 ގައި ހެނދުނުގެ ސައިންނެވެ. އެއަށްފަހު، ޕިކްނިކާއެކު ބީޗް ގޭމްސްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ އެންޓަރޓެއިންމަންޓާއި ޕޫލް ޕާޓީއެއް ވަނީ ބާއްވާފައެވެ. އެއަށްފަހު ހަވީރުގެ ސަޔާއެކު "ފަން ޑޭ" ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ވަނީ ބާއްވާފައެވެ. މި ޕާޓީގައި ފިޔަވަތީގެ ކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ޕާޓީގައި، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު އަދި އެޗްޑީސީގެ އެމްޑީ، ފަޒުލް ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެން، ފިޔަވަތި ކުދިންނާއެކު ވަގުތު ހޭދަކުރައްވައި އެކުދިންގެ ހާލު ބައްލަވާފައެވެ. އަދި މެޑަމް ސާޖިދާ ވަނީ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވައި، އެކުދިންނާއެކު ކޭކު ފެޅުމުގައި ބައިވެރިވެލައްވާފައެވެ.

މި އަހަރުގެ މި އިވެންޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިންގ ރޫމް ހަދިޔާ ކުރުމެވެ. އެގޮތުން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވަނީ ފިޔަވަތީގައި މި ގޭމިން ރޫމްތައް ތަރައްގީ ކުރުމަށް 240،000ރ. ގެ ފަންޑު ރެއިޒްކޮށްފައެވެ. އަދި "ފިޔަވަތި ފަންޑޭ" ނިންމާލުމުގެ ގޮތުން އެޗްޑީސީން ވަނީ މި ޑޮނޭޝަން ފިޔަވައްޗާ ހަވާލުކޮށްފައެވެ.

އެޗްޑީސީގެ ފަރާތުން ގޭމިންގ ރޫމްތައް ހަވާލުކުރެއްވީ އެމްޑީ ފަޒުލް ރަޝީދެވެ. އަދި ފިޔަވަތީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ފިޔަވަތި ހިންގުމާ ހަވާލުވެހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސްމާ ހަސަން މަނިކު އެވެ.

މިކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސްމާ ހަސަން މަނިކު ވިދާޅުވީ، މި ގޭމިންގ ރޫމްތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.

"އެޗްޑީސީގެ ސްޓާފުން އިސްނަގައިގެން ފިޔަވަތި ކުދިންނަށް ހަދިޔާކުރި ޕްލޭ އޭރިއާއަކީ މިވަގުތައް ފިޔަވަތި ކުދިންނަށް ވަރަށް ބޭނުންތެރި، އޭގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެން. ހަމަ އެއާއެކު އެޗްޑީސީން ފިޔަވަތި ކުދިންނާމެދު ބަހައްޓަމުންގެންދާ ގާތްކަމަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި ފިޔަވަތީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އެޗްޑީސީގެ އެމްޑީއަށާއި ހުރިހާ ސްޓާފުންނަށް ވަރަށް އިހުލާސްތެރި ޝުކުރެއް ދަންނަވަން." ޔަވަތި ހިންގުމާ ހަވާލުވެހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސްމާ ހަސަން މަނިކު.

"ފިޔަވަތި ފަންޑޭ" ގެ ނަމުގައި އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ވަނީ ފާއިތުވި ދެ އަހަރުވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ކުދީ ދެ އަހަރާ ހިލާފަށް މި އަހަރުގެ މި ދުވަސް ފާހަގަކުރީ އެޗްޑީސީގެ ހުރިހާ ސްޓާފުންގެ ފަރާތުންނެވެ. އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް ފިޔަވަތި ފަދަ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.