ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ދަށުން އަލަށް ވަޒީފާއިން ރިޓަޔަރވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ހުއްޓާލަން ނިންމާފައިވަނީ، ދައުލަތުގެ މުވައްޒަފުންގެ މެދުގައި މިހާރު އޮތް ހަމަހަމަ ނޫން ނިޒާމު އިސްލާހުކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއްޖެއެވެ.
މިނިސްޓްރީން ފާހަގަކުރައްވާފައިވާ ގޮތުގައި، ހުރިހާ މުވައްޒަފުން ހިމެނޭ އަސާސީ ޕެންޝަން ނިޒާމުގެ އިތުރުން، ވަކިވަކި މުއައްސަސާތަކުން ހިންގާ ޕެންޝަން ސްކީމްގެ ދަށުން ގަނޑުކޮށް އަދި ހިދުމަތުގެ މުއްދަތަށް ބަލައިގެން މަހުންމަހަށް މުޅި އުމުރަށް ފައިސާ ދިނުމަކީ "ޑަބަލް ޕެންޝަން" ދިނުން ކަމަށް ބެލެވެއެވެ. މި ނިޒާމު އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ 2015 ގައި ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓުގައި ލަފާދެއްވާފައެވެ.
މި ސްކީމު މިހާރު އޮތްގޮތަށް ކުރިއަށް ގެންދާނަމަ، 2030 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 4.3 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކުރެވެއެވެ. މި ބަދަލާ ގުޅިގެން، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިފަދަ އަމިއްލަ ސްކީމްތަކުގެ ދަށުން މަހުން މަހަށް ދެމުންދާ ފައިސާ ހުއްޓާލުމަށް ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އިދާރާތަކަށް އަންގަވާފައެވެ.
މިހާރު ސަރުކާރުގެ 13 މުއައްސަސާއެއްގައި މިފަދަ ވަކިވަކި ޕެންޝަން ސްކީމްތައް ހިންގަމުންދާއިރު، މީގެ ތެރޭގައި ސިފައިންނާއި، ފުލުހުންނާއި، ޖުޑިޝަރީ އަދި ކަސްޓަމްސް ފަދަ އިދާރާތައް ހިމެނެއެވެ. މި އަހަރު އެއްފަހަރާ ޕެންޝަން ދިނުމަށް 45.2 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މަހުން މަހަށް ދޭ އަދަދުގެ ގޮތުގައި 266 މިލިއަން ރުފިޔާ ހޭދަކުރެވެއެވެ. އަދި އަންނަ އަހަރު ރިޓަޔަރކުރާ މީހުންނަށް 272 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ.
2009 ގައި ރާއްޖޭގެ ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ތަޢާރަފުކުރެވުނެވެ. ނަމަވެސް އޭގެ ކުރިން ހިނގަމުން އައި، މުވައްޒަފުންގެ ކޮންޓްރިބިއުޝަނެއް ނެތި ހިންގޭ ޕެންޝަން ސްކީމްތައް އެކި ސަބަބުތަކާ ހެދި މިހާތަނަށް ވަނީ ހުއްޓާނުލެވިފައެވެ.
ކޮމެންޓު ފޮނުވާ