ޔޫކޭއިން އައިފަހުން ޕޮޒިޓިވްވި މީހާއާއި، އަލަށްފެނުނު ސްޓްރެއިން އާއިގުޅުން އޮތްކަމެއް އަދި ނޭގޭ

ޔޫކޭއިން އައިފަހުން ޕޮޒިޓިވްވި މީހާއާއި، އަލަށްފެނުނު ސްޓްރެއިން އާއިގުޅުން އޮތްކަމެއް އަދި ނޭގޭ

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2020 10:45
0

އިނގިރޭސި ވިލާތުން އައިފަހުން ޕޮޒިޓިވްވި މީހާއާއި، އެގައުމުން އަލަށްފެނުނު ސްޓްރެއިން އާއިގުޅުން އޮތްކަމެއް އަދި ނޭގޭ ކަމުގައި ހެލްތު އެމެޖެންސީ އޮފަރެޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން މިއަދު ވިދާޅުވީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑް-19 އަށް ފައްސިވި މީހަކުގެ އާއިލާ މެންބަރުން ކައިވެނި ޕާޓީ އިހާ (ކްލަސްޓާ) ގައި ހިމެނޭ ކަމަށެވެ. އޭނާ އިނގިރޭސިވިލާތުން އައިއިރު އިނގިރޭސިވިލާތުން އަންނަ ދިވެހިން މާލެ ސަރަހައްދަށް އަންނަނަމަ ކަރަންޓީން ވާކަށް ނުޖެހެއެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ވަނީ އިނގިރޭސި ވިލާތުން ރާއްޖެ އަންނަ މީހުން ކަރަންޓީން ކުރާ ގޮތަށް ނިންމާފައެވެ.

އެޗްޕީ.އޭއިން ވިދާޅުވީ، އިނގިރޭސިވިލާތުން ރިޕޯޓްކޮށްފައިވާ SARS-Cov-2 ގެ ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް މިމަހުގެ 27 އިން ފެށިގެން އެޅުމަށް ނިންމަވާފައިވާކަމަށެވެ.

އެގޮތުން ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިނގިރޭސިވިލާތުގައި އުޅެފައިވާ، އޭގެ ތެރޭގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުންވެސް ހިމެނޭހެން ރާއްޖެއަށް އަންނަ ދިވެހިންނާއި، ވާރކްވިސާގައި އަންނަ މީހުން ރާއްޖެއަށް އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީންކުރުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ. އަދި މި ފަރާތްތައް ރާއްޖެ އަންނަތާ 5 ދުވަހަށްފަހު، އަދި 10 ދުވަހަށްފަހު ވެސް ކޯވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މީގެ އިތުރުން އެ އެޖެންސީން މިމަހުގެ 16 ވަނަ ދުވަހު އާންމުކުރި އިޢުލާނުގައިވާ ފަދައިން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ ގެންނަންވާނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އެޗް.ޕީ.އޭއިން ވަނީ މި ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގަވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.