ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ޖިހާދަށް ނުދިން

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ޖިހާދަށް ނުދިން

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 06:41
0

ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޖިހާދުގެ ފަރާތުން ވަނީ ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ދިނުމަށް އެދިވަޑައިގެންފައެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ. އެއީ އޭނާ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރުކަން ކުރެއްވި އިރު، ނިންމެވި ނިންމުމަކާ ގުޅިގެންނެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭގެ އިތުރުން، އޭސީސީއިން އަންނަނީ އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ބަލަމުންނެވެ.

މިއަދުގެ އެ އަޑުއެހުމުގައި ޖިހާދުގެ ގާނޫނީ ވަކީލް ހަސަން ފަލާހް ވަނީ ޖިހާދަށް ދިމާވެފައިވާ ސިއްހީ ގިނަ މައްސަލަތައް ފާހަގަކުރައްވައިފައެވެ. މި ގޮތުން އިމްސޮމްނިއާ އާއި ހަކުރު ބަލި އާއި އަވަސް އަވަހަށް ކުޑަ ކަމުދެވޭ ބަލި ފަދަ ބަލިތައް ވަކީލް ހަސަން ފަލާހް ފާހަގަކުރެއްވިއެވެ.

ފަރުވާ ހޯއްދަވަން ދުބާއީއަށް ވަޑައިގަންނަވަން މިހާރު ވެސް ޓިކެޓު ނަންގަވާފައިވާ ކަމަށް ވަކީލް ހަސަން ފަލާހް ވިދާޅުވިއެވެ. މިހާރު ވެސް އޭނާގެ ދަރިން ހިމެނޭހެން އާއިލީ ގިނަ ބޭފުޅުން ދުބާއީގައި ތިއްބެވި ކަން ވެސް ވަކީލް ފާހަގަކުރެއްވިއެވެ.

އޭނާގެ ދެ ދަރިން ކިޔަވަން ގޮސް ތިބެނީ ދުބާއީގައި ކަމަށާއި، އެ ދެ ދަރިންނާ ބައްދަލު ނުކުރެވޭތާ ގިނަ ދުވަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ދަރިފުޅު ބަލި ކަމަށްވެސް ވިދާޅުވި އެވެ. ދައުލަތުން މިއަދުގެ އަަޑުއެހުމުގައި ވަނީ، ޖިހާދު ރާއްޖެއިން ބޭރަށް ފުރުމަށް އިއުތިރާޒު ކޮށްފަ އެވެ. ދައުލަތުން އިއުތިރާޒު ކުރާ ސަބަބު އޮޅުންފިލުވަން ގާޒީ ސަމީރު ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ބުނީ، ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއި ބޮޑު ދައުވާއަކަށް ވާއިރު، އަދި އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައުމުގެ ފުރުސަތު އޮތް އިރު އޭނާ ފުރައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއްވެސް ނޯންނާނެ ކަަމަށް ބުންޏެވެ.

ޖިހާދަށް ދައުވާ ކުރީ، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.