ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން ބުނެފައިވަނީ، މިހާރު ކުރިއަށްދަނީ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކަމުގައެވެ. އެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލެވޭނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނެފައިވަނީ، ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް، ހުޅުމާލޭގެ ޖުމްލަ 11 ސަރަހައްދަކަށް ބަދަލު ގެންނާނެ ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު ބާކީ 10 ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ އެ ކޯޕަރޭޝަންއިން ވަނީ އަމާޒުހިފާފައެވެ.
އެޗްޑީސީން ބުނެފައިވަނީ އެ ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ ކަމުގައެވެ. އެގޮތުން، ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބަލައިގެން ކަމަށްވެސް އެ ކޯޕަރޭޝަންއިން ބުނެފައި ވެއެވެ.
އެޗްޑިސީން ހާމަކޮށްފައިވާ ގޮތުގައި އެ 11 ސަރަހައްދަށް ގެންނަ ބަދަލުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެންދާނެއެވެ.
ކޮމެންޓު ފޮނުވާ