މިއަދު ކޯޓުތަކުން ކުރާ ހުކުމްތައް ދަބަހަށް އަޅައިގެން ވިއްކަމުންދަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ރަށު ބަންދުގައި ތިބެ މާލޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްލާއިލް ވިދާޅުވީ ކޯޓުތައް އިސްލާހުވިކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވަނީ އެމަނިކުފާނު ބޭނުންފުޅުވާހާ ގޮތަކަށް ރާއްޖޭގެ ކޯޓުތަކުން ހުކުމްތައްކުރެވޭނެ މަގު ފަހިވުމުންކަމަށެވެ. މިއަދު އެމަނިކުފާނުގެ ޤާނޫނީ ޓީމާއި، ޚުދުމު އެމަނިކުފާނު އިސްކޮށް އިންނަވައިގެން ޖުޑީޝަރީގެ ކަންކަން ނިންމަވަން އިންނެވުމަކީ ޖުޑީޝަރީގެ މިނިވަންކަމާއިމެދު ދިވެހި ރައްޔިތުންގެ އިތުބާރު ނެތްކަމެއްކަމަށެވެ.
ޖުޑީޝަރީގެ މިނިވަންކަން އޮތް މިންވަރު ރައީސް ޔާމީންގެ ޝަރީއަތަށް އެކަނި ބަލައިލުމުންވެސް ފެނިގެންދާނެކަމަށް މުހައްމަދު ވިދާޅުވިއެވެ. އެމަނިކުފާނަށް ހުކުމްކުރުމަށް އެންމެ 3 ގަޑިއިރަށް ވެފައިވަނިކޮށް ޤާޒީ ބަދަލުކޮށް، ހުކުމް ކުރުމަށް އައްޔަންކުރެވުނު ޤާޒީއަށް ދެއްވި މަތިވެރި މަޤާމުން އެކަނިވެސް ޖުޑީޝަރީގެ މިނިވަންކަން ހާމަވެފައިވާކަމަށެވެ.
ރައީސް ޔާމީނަށް ހުކުމް ކުރަން ތިން ގަނޑިއިރަށް ވެފަައި ވަނިކޮށް، ޤާޒީ ބަދަލުކޮށްފައިވަނީ ކޮން ގޮތަކަށްކަން ރައްޔިތުންނަށް އެގޭ. އަދި އެހުކުމް ކުރުމަށް އިސްކުރެއްވި ޤާޒީ މިއަދު ސްޕްރީމްކޯޓަށް އައްޔަން ކުރައްވި ސަބަބާއި މެދުވެސް ރައްޔިތުންނަށް ހާމަވާ ގިނަ ކަންތައްތަކެއް އެބަހުރި. މިއަދު ރައްޔިތުންނަށް އޮޅޭކަމެއްނޫން، ރައީސް ނަޝީދާއި، އެމަނިކުފާނުގެ އެއް ބައިވެރިޔާ ހިސާންއާއި ދެބޭފުޅުން ދަބަހަށް ހުކުމް އަޅައިގެން ހުކުމްތައް ވިއްކާކަމަކީ.
– މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޖުޑީޝަރީ މިއަދު މިދެކޭ ހާލަތަށް ވެއްޓިގެން ގޮސްފައިވަނީ ރައީސް ނަޝީދުގެ ނުފޫޒާއި ބާރު ޖުޑީޝަރީއަތް ވެއްދުމަށް ކުރެއްވި މަސައްކަތުންކަމަށެވެ. އެތައް ފަނޑިޔާރުން މަޤާމުތަކުން ވަކިކޮށް، އެތައް އާއިލާއެއް ނިކަމެތިކޮށް، ނުހައްގުން އެތައް ބަޔަކަށް އަނިޔާދެމުންދާއިރު މިއީވެސް ހައްގުތަކެއް ލިބިގެންވާ ރައްޔިތުން ކަމެއް ރައީސް ނަޝީދަށް ވިސްނި ވަޑައ ނުގަންނަވަނީތޯ މުހައްމަދު ވަނީ ސުވާލު ކުރައްވާފައެވެ.
ސަރުކާރުގެ ނުފޫޒު ޖުޑީޝަރީއަށް ފޯރުވައި، ސަރުކާރުން ބޭނުން ނުވާގޮތަކަށް ހުކުމެއް އައިސްދާނެކަމަށް ބަލައިގެން ރާއްޖޭގެ ހުރިހާ ކޯޓެއްގައި ތިއްބެވި ކިޔަވައިގެން ތިއްބެވި ތައުލީމީ ޤާބިލް ބޭފުޅުން މަޤާމުތަކުން ވަކިކޮށް، ބޭނުން ބަޔަކު އައްޔަން ކުރަމުންދާކަމީ ރާއްޖޭގެ ޖުޑިޝަރީއާއި މެދު މިއަދު އޮތްއިރުބާރު ގެއްލި އިސާފު ނެތިގެންދާކަމުގެ ސަބަބު ކަމުގައި މުހައްމަދު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ މުސްތަގުބަލާއި، ރާއްޖޭގެ އަދުލު އިންސާފުގެ މިނިވަަންކަމަށް އެޅިގެންދާ ވަރަށް ބޮޑު ހިޔަންޔެއް ކަމުގައި މުހައްމަދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ