މިއަދުވެސް، އަދި އޭނާ ނެތް ދުނިޔެއެއްގައިވެސް އޭނާ މިއުޒީކީ ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރުމަކީ އެދޭކަމެއް ނޫން ކަމުގައި، ކުރީގެ ލަވަކިޔުންތެރިޔާ އަދި މިހާރު ދިނީ އިލްމުވެރިންނާއެކީ މަސައްކަތް ކުރައްވަމުން ގެންދަވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒް އެކްސްގައި ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ލަވަކިޔުން ހުއްޓާލުމަށްފަހު އޭރު އެދުނު އެދުން އަލުން އެކްސްގައި ހިއްސާ ކުރައްވަމުންނެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ އޭނާގެ އެދުމާއި ނަސޭހަތް އަނެއްކާވެސް ހަނދާކޮށްދޭން ބޭނުންވާކަމަށާއި، އޭނާ ލަވަކިޔުން ހުއްޓާލާ މިއުޒިކާއި ދުރަށް ދިޔައީ މިއުޒިކް ކުޅުމާއި ލަވަކިޔުމަކީ ހަރާމްކަމެއްކަން އިތުބާރު ހުރި އިލްމުވެރިންގެ ބަސްފުޅުތަކުން ޝައްކެއް ނެތް މިންވަރަށްް އެނގި ސާބިތުވުމުންކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ، އޭނާއަކީ މިހާރު ﷲ ޓަކައި މިއުޒިކަށް އިންތިހާއަށް ނަފްރަތު ކުރާ މީހެއްކަމަށާއި މިއަދު އޭނާ މަސައްކަތް ކުރަނީ އިސްލާމް ދީންގެ ރިވެތި ހިދާޔަތުގައި އޭނާގެ އަނބި ދަރިން ތަރުބިއްޔަތު ކުރުމުގައި ކަމުގައެވެ.
އެހެންކަމުން އަޅުގަނޑު ކިޔާފައިވާ ލަވަތައް ޖެހުމާއި، ޓީވީ، ރޭޑިއޯތަކުން ފޮނުވުމާއި އޭގެން ވިޔަފާރިކުރުމާއި ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ސޯޝަލް މީޑިއާގެ އިތުރުން އެހެން އެއްވެސް ވަސީލަތެއްގައި އަޅުގަނޑުގެ ލަވަތައް ފެތުރުމާއި، އަޅުގަނޑުގެ މިއުޒީކީ ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރުމާއި އަޅުގަނޑާއިއ މިއުޒިކާއި ގުޅުވައިގެން މިއަދުވެސް އަދި އަޅުގަނޑު ނެތް ދުނިޔެއެއްގައިވެސް އިސްލާމުދީނުގައި މަނާކުރައްވާފައިވާ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ހާލެެއްގައި އަޅުގަނޑު ރުހޭކަމެއް ނޫން.
އަލީ ރަމީޒް ވިދާޅުވެފައިވަނީ އޭނާ ކިޔާފައިވާ އެކި ލަވަތައް ކިޔާފައިވަނީ ނޭގުމުގައި ހުރެގެން ކަމުގައެވެ. އެހެންކަމުން އޭނާ ކިޔަފާފައިވާ ލަވަތައް އެކި ޕްލެޓް ފޯމުތަކުގައި ނުފެތުރުމަށް އެދޭކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ.
އަދި ދީނުގައި ހަރާމްކޮށްފައިވާ ކަމެއް ކުރުމަކީ އެއްވެސް ހާލެެއްގައި އެށާ ރުހޭކަމެއް ނޫންކަން ބަޔާން ކުރައްވަމުން އަލީ ރަމީޒު ވިދާޅުވީ، އެކަންކަމަކީ އޭނާއަށް ކުރާ ވަރަށް ބޮޑު އުނދަގުލެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ