ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ ދީނީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ: ޝަހީމް

ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ ދީނީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ: ޝަހީމް

ޖިންނި ޝައިތާނުންގެ ސިފަތައް ޖައްސައި، މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދަ ނުވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި ދެ ދުވަހު ވެސް މިނިސްޓަރ ވަނީ އީދު ފާހަގަކުރުމުގައި، ސަމާލުވެ އިސްލާމް ދީނުގެ އަސާސްތަކުގައި ހިފެހެއްޓުމަށް އިލްތިމާސްކޮށް ޕޯސްޓުތައް ކުރައްވާފަ އެވެ. އެކަމަކު ސޯޝަލް މީޑީއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކާއި، ފޮޓޯތަކާއި އެކު މިއަދު ކުރެއްވި އިތުރު ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އިސްލާމް ދީނަކީ މާތް ﷲ ދިވެހިންނަށް ދަރުމަ ކުރެއްވި އެންމެ މަތިވެރި ނިއުމަތްކަމަށެވެ. އަދި އިސްލާމީ ހިދާޔަތުގެ މަގަށް ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މި ރާއްޖޭގެ ސަގާފަތަކީ އިސްލާމީ ސަގާފަތްކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ސަގާފަތުގެ ނަމުގައި ހުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭކަމެއް ނޫންކަމަށެވެ. ދިވެހިންގެ ސަގާފަތެއް ކަމުގައި ބެލެވޭނީ އިސްލާމީ އުސޫލުތަކާ އެއްގޮތް ކަންތައްކަމަށާއި، އެ ނޫން ކަންކަމަކީ ހުރާފީ ބާތިލް ކަންތައްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިސްލާމީ ދީނާކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތް. އިސްލާމީ ހިދާޔަތުގެ މަގަށް މިރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މިރާއްޖޭގެ ސަޤާފަތަކީ އިސްލާމީ ސަޤާފަތް. ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއްނޫން. އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ. ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއެއްގޮތައް. ދިވެހިންގެ ސަޤާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްކަންކަން. އެނޫންކަންކަމަކީ ޚުރާފީ ބާޠިލްކަންކަން. ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ ޢީދުގައި އޮންނަންޖެހޭނެ ކަމެއް. މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގަ. އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ.

ރާއްޖޭގެ އެކި ރަށްތަކުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަމުންދާއިރު، ބައެއް ރަށްތަކުގައި ދިވެހިންގެ ސަގާފަތާއި ބީރަށްޓެރި އަދި ބޭރުގެ ގައުމުތަކުގައި އުފާ ފާޅުކުރުމުގައި ކުރިޔަށް ގެންދާ ބައެއް ހަރަކާތްތަކާއި އެއްވަތަރު އެއްވުންތައް ބާއްވަމުން ގެންދާކަމަށް ބުނެ އާންމުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ޑރ. ޝަހީމްގެ އިއްޔެގެ ޕޯސްޓު ވިދާޅުވީ، އީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަ ކުރައްވާފައިވާ ނިއުމަތެއް ކަމަށެވެ. އަދި އީދުގެ އުފާވެރިކަން ފާޅު ކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގައި ކަމަށެވެ.މިނިސްޓަރ ވަނީ އިސްލާމީ އަހުލާގާއި ސަގާފަތާއި ތައާރުޟު ނުވާ ގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

1445 ވަނަ އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ހިތޯބުގައި ވެސް ވަނީ އީދުގެ ހަރަކާތަކުގައި އިސްލާމީ އަހުލާގު ދެމެހެއްޓުމަށް އިލްތިމާސް ކުރައްވާފަ އެވެ. ހިތާބުގައި އެމަނިކުފާނު ވަނީ ދިވެހިންގެ އާދަކާދަތަކާއި ބީރައްޓެހި ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ވަނީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލު ކުރުމަށާއި، މެހްމާންދާރީ އަދާކުރުމަށް ބާރު އަޅުއްވައި، ޞަދަޤާތް ކުރުމަށާއި، ހެޔޮ ދުޢާ ކޮށްދިނުމަށާއި، ނުތަނަވަސްކަން ފިލުވައިދިނުންފަދަ، ﷲގެ ހަޟްރަތުގައި ދަރުމަހުރި ޢަމަލުތައް ކުރުމަށް އެދިވަޑައިގެންފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *