ކޯވިޑް19ގެ އާ ސްޓްރެއިންއެއް (ކޮރޯނާ ވައިރަސް މިއުޓޭޓްވެގެން އުފެދޭ ވައިރަހުގެ ތަފާތު ނަކަލެއް) އިގިރޭސި ވިލާތުގައި ފެތުރެންފަށާފައި ވާތީ، ޔޫރަޕްގެ ގިނަ ގައުމުތަކުން އެގައުމަށް ދަތުރުކުރުން ހުއްޓާލައިފިއެވެ.
މިގޮތުން މިހާތަނަށް އައިއިރު، ފްރާންސް، ޖާރމަނީ، އިޓަލީ އަދި ނެދަރލޭންޑުން، ކޯވިޑް19ގެ މުޅިން އާސްޓްރެެއިން ޔޫކޭއިން ފެނިފައިވާތީ، އެގައުމުތަކުން އިގިރޭސިވިލާތައް ދަތުރުކުރުމާއި އަދި އިގިރޭސިވިލާތުންވެސް އެގައުމުތަކަށް މީހުން އެތެރެވުން މާނާ ކޮށްފައެވެ.
އިގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ވިދާޅުވެފައިވަނީ، ކޯވިޑް19 ޖައްސާ އިތުރު ސްޓްރެއިންގެ މިވައިރަސް ފެތުރެމުންދާ ކަމަށް މިހާތަނަށް ފާހަގަ ކުރެވިފައިވަނީ، އެގައުމުގެ އިރު ދެކުނު ސަރަހައްދުގައެވެ. އަދި މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި މި ސްޓްރެއިންގެ ކޮރޯނާ ވައިރަސް، އެންމެ ފުރަތަމަ ފެނުނު ނަކަލަށްވުރެ މާބާރަށް ފެތުރެމުން ދެއެވެ. އެހެން ނަމަވެސް، މި ނަކަލުން ޖައްސާ ބަލީގެ އަލާމާތްތައް މިހާތަނަށް ފެތުރެމުންދިޔަ ބައްޔަށް ވުރެ ބާރުދައްކަމަށް ފާޙަގަ ކުރެވިފައި ވެއެވެ.
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، އަލަށް ފެނުނު ކޮރޯނާވައިރަކުގެ މި ސްޓްރެއިން، މިހާރު ދެމުންދާ ވެކްސިނާއި ގުޅޭކަން ނުވަތަ ނޫންކަން ޔަގީންކޮށް ބުނަން އަދި މާ އަވަހެވެ.
ހެލްތު ސެކެޓްރީ ހެންކޮކް ވިދާޅުވެފައިވާ ގޮތުގައި، އިގިރޭސިވިލާގެ ދެކުނުގެ ސަރަހައްދުތަކުން މިހާތަނަށް އައިއިރު، މި ސްޓްރެއިންގެ 1000 ކޭސް ވަނީ ފާހަގަކުރެވިފައެވެ. އަދި ވިދާޅުވީ، މުޅިން އަލަށް ފާހަގަ ކުރެވިގެން ދިޔަ، ކޮރޯނާ ވައިރަހުގެ މި ނަކަލާއި ގުޅޭ މައުލޫމާތު މިހާރުވަނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއާއި ހިއްސާ ކުރެވިފައެވެ. އަދި އެގައުމުގެ ސިއްޙީ އިދާރާތަކުން ދަނީ، ހާލަތު ވަރަށް ގާތުން ވަޒަންކޮށް ދިރާސާ ކުރަމުންނެވެ.
ހެންކޮކް އިތުރަށް ވިދާލުވި ގޮތުގައި، ކޯވިޑް19 ޖައްސާ ވައިރަހުގެ، މުޅިން އަލަށް ފެނުނު މި ސްޓްރެއިންއިން، އަސްލު ވައިރަހަށްވުރެ ނުރައްކާތެރިކޮށް ބަލި ޖައްސާކަމަށް އަދި ފާހަގަ ކުރެވިއެއް ނުވެއެވެ.
އެމެރިކާގެ ނެވާޑާ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެސިސްޓެންޓް ޕްރޮފެސަރ، ބްރަޔަން ލަބުސް ވިދާޅުވެފައި ވަނީ، މިހާރު ފެނިގެން އުޅޭ ކޯވިޑް19 ބަލިޖައްސާ ކޮރޯނާ ވައިރަހުގެ އާ ސްޓްރެއިންގެ ހަގީގީ ތަފްސީލެއް އަދި އެގޭކަށް ނެތެވެ.
"އާ ސްޓްރެރިން ފެނިގެން ދިއުމުން އޭގެ މާނައަކީ، ވައިރަސް ފެތުރެމުންދާ ގޮތް ބަދަލުވުން ނުވަތަ، އަސްލު ވައިރަސް، އެއްފަހަރަަށް ނުވަތަ ދެފަހަރަށް މިއުޓޭޓް (ވައިރަހުގެ ޑީއެންއޭ އެތުރިފައިވާ ގޮތަށް އަންނަ ބަދަލެއް) ވެގެން ދިއުމުގެ ސަބަބުން، ހަށިގަޑުގެ ދިފާއީ ނިޒާމާއި ވައިރަސް ކުރިމަތިލާ ގޮތް ތަފާތުވެގެން ދިއުން،" ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް އަލަށް ފެންނަ ވައިރަސްތަކުގެ އާ ސްޓްރެއިންތައް ސައިންސްވެރިނަށް ފާހަގަ ކުރެވިގެންދަނީ، ވައިރަހެއް ފެތުރެން ފެށުމާއިއެކު ސައިންސްވެރިން އަބަދުވެސް ވައިރަހުގެ ޖެނެޓިކް މެޓީރިއަލް އެތުރިފައިވާ ގޮތުގެ ތަރުތީބަށް އަންނަމުންދާ ބަދަލުތައް ބަލަމުންދާތީ ކަމުގައެވެ.
"މިގޮތުން، ބަލި ޖެހެމުންދާ މީހުންންގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތުވެ، ނުވަތަ ކުރިއަށްވުރެ ފަސޭހައިން ބަލި ޖެހިފައިވާ މީހެއްގެ ގައިން ސިއްހަތު ރަގަޅުކޮށް ހުރި މީހެއްގެ ގަޔަށް ބަލި ފެތުރެންފެށުމުން، އެހާހިސާބުން މި ނިންމަނީ ވައިރަހުގެ މުޅިން އާ ސްޓްރެއިންއެއް ފެތުރެން ފަށާފައިވާ ކަމަށް،" ލަބުސް ވިދާޅުވިއެވެ.
އިގިރޭސިވިލާތުގައި ކޮރޯނާ ވައިރަހުގެ މުޅިން އާ ނަކަލެއް ފެތުރެން ފެށުމާއި ގުޅިގެން ދުނިޔޭ ގިނަ ގައުމުތަކުން މިހާރު ދަނީ އެގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުން މިހާރުވެސް ވަނީ، ޔޫރަޕްގެ ގައުމުތަކުން މީހުން އެތެރެވުން މަނާ ކޮށްފައެވެ.
މިގޮތުން. ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ އޮފިޝަލުން މައުލޫމާތު ދޭގޮތުގައި، ދުނިޔޭގެ ގައުމުތަކުގައި މިހާރު ކޮރޯނާ ވައިރަހުގެ އާސްޓެރެއިންއެއް ފެތުރެމުންދާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އަންގާފައިވާތީ، މިހާރު ފެތުރެމުންދާ ސްޓްރެއިންގެ ހަގީގަތް މުޅިން ސާފުވަންދެން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެގައުމުގެ ބޯޑަރު މިހާރުވަނީ އެއް ހަފްތާގެ މުއްދަތައް ބަންދު ކޮށްފައެވެ.
އަދި މީގެ އިތުރުންވެސް، ކުވެއިތު، އޮމާން އަދި އިސްލާއީލު އަދި ސްޕެއިންއިންވެސް ވަނީ ސަލާމަތީ ފިޔަވަޅުތަކެއްގެ ގޮތުން އެގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ