ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކުށުގައި ހުކުމް ތަންފީޒުކުރަންޖެހޭ 20 މީހަކު ޖަލުގެ ބަދަލުގައި ގޭބަންދުގައި ބަހައްޓާފައިވާތީ، އެކަމާ ގުޅުންހުރި އިދާރާތައް މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީގައި ކުޑޫ ފާހަގަކުރައްވާފައިވާ ގޮތުގައި، ސީއެފްޕީއެސްގެ ދަފްތަރުގައިވާ 240 ކުށްވެރިންގެ ތެރެއިން 20 މީހަކު ތިބީ ގޭބަންދުގައެވެ. އެއިން ގިނަ ބަޔަކު ތިބީ މާލޭގައި ކަމަށާއި، އެ މީހުން ކެފޭ އަދި ރެސްޓޯރެންޓުތަކަށް ދާކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވިއެވެ.
ކުޑޫ ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ ބެހޭ ގާނޫނާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި، މިފަދަ ކުށްވެރިންނަށް ކަފާލާތާއި ޕެރޯލް ނުދެވޭނެކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ގާނޫނުގެ މަގުސަދަކީ ހުކުމް ފުރިހަމަވަންދެން އެ މީހުން ޖަލުގައި ބަހައްޓައިގެން ކުޑަކުދިން ރައްކާތެރިކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މީހުން ގޭބަންދަށް ބަދަލުކުރީ ކޮން ގާނޫނެއްގެ ދަށުން، ކާކު ނިންމައިގެންތޯ ސާފުކުރުމަށް ކުޑޫ އެދިވަޑައިގެންފައިވެއެވެ. ގޭބަންދުގެ ޝަރުތުތަކަށް އަމަލުކުރޭތޯ ބަލަހައްޓާ ގޮތާއި، އިލެކްޓްރޯނިކް ޓެގް ބޭނުންކުރޭތޯއާއި، އެ މީހުން ތިބި ރަށްރަށުގެ ކައުންސިލްތަކާއި ބެލެނިވެރިންނަށް އެކަން އަންގާފައިވޭތޯ ވެސް އޭނާ ސުވާލުކުރައްވާފައިވެއެވެ. އަދި އެ މީހުން އަނބުރާ ޖަލަށް ގެންދިއުމަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން ވެސް ޖަވާބު ހޯއްދަވާފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ޖިންސީ ކުށްތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
ކޮމެންޓު ފޮނުވާ