އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި ޖީއެސްޓީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ދެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ދެ ބިލުވެސް ފާސްކުރީ ސަބް ކޮމިޓީން ނިންމި ގޮތަށެވެ.
އިންކަމް ޓެކްސް ބިލު ފާސްވީ 66 މެންބަރުންގެ ތާއީދާއެކުގައެވެ. ޓެކްސް ދައްކަންޖެހޭ އާމްދަނީ ހިސާބުކުރާއިރު އިންޓްރެސްޓް އުނިކުރާ މިންގަނޑުތައް މި ބިލުން އަލުން ކަނޑައަޅައެވެ. ބިލުގައިވާ ގޮތުން، އިންޓްރެސްޓް ކެޕޭސިޓީއަކީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. މި ބަދަލުތަކަށް 1 ޖެނުއަރީ 2027 އިން ފެށިގެން ޢަމަލުކުރާނެއެވެ. މީގެ ސަބަބުން ދައުލަތަށް 496,300,302 ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.
ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ޖީއެސްޓީ ބިލުގެ މަޤްޞަދަކީ ޓެކުހަށް މަކަރުހެދުމުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ ހޯދުމާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހަރުދަނާކުރުމެވެ. ވިޔަފާރިތަކަށް ދިމާވާ ދަތިތައް ފިލުވައި، އިންބައުންޑް ޓޫރިޒަމަށް ހުރި ހުރަސްތައް ނައްތާލުމަށްވެސް މި ބިލު މުހިންމު ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ