ބޭރުގެ އިންވެސްޓްމަންޓުން އިސްތިގުލާލަށް ނުރައްކާއެއް ނެތް: ނަޝީދު

ބޭރުގެ އިންވެސްޓްމަންޓުން އިސްތިގުލާލަށް ނުރައްކާއެއް ނެތް: ނަޝީދު

Author
އަހުމަދު
16 ނޮވެމްބަރ 2026 02:31
0

 

ބޭރުގެ ސީދާ އިންވެސްޓްމަންޓް (އެފްޑީއައި) ގެނައުމުން ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ނަޝީދު ވިދާޅުވީ، ކުރީގައި ކޮލަނީ ވެރިކަމުގެ ދަށުގައި ހުރި ގައުމުތަކުގެ ތެރެއިން ވެސް ތަރައްގީ ހޯދިފައިވަނީ ބޭރުގެ އިންވެސްޓްމަންޓަށް ދޮރު ހުޅުވާލައި، އެ ފުރުސަތުތަކުގެ ބޭނުން ހިފި ގައުމުތަކަށް ކަމަށެވެ.

ނަމަވެސް، އެފަދަ އިންވެސްޓްމަންޓްތައް ހަމައެކަނި ގައުމުގެ ރޯ މެޓީރިއަލް ނެގުމަށް ވެގެން ނުވާނެ ކަމަށާއި، އެ ތަކެތި ގައުމުގެ ތެރޭގައި ޕްރޮސެސްކޮށް، އުފެއްދުންތެރިކަން އިތުރުވާ ގޮތަށް އިންވެސްޓްމަންޓްތައް ބައްޓަންކުރަން ޖެހޭ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާ މިސާލަކަށް ނަންގަވަމުން ނަޝީދު ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓުގެ ސަބަބުން އެ ގައުމުތަކުގެ އިސްތިގުލާލަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، އިސްތިގުލާލު ހިމާޔަތްކުރުމުގެ ފަންވަރު ލިބި، ބައިނަލްއަގުވާމީ ދާއިރާގައި ހައްގު ޖާގަ ކަށަވަރުވި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.