ހައިކޯޓުގެ ފަނޑިޔާރަކު ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި މަގާމަށް ކުރިމަތިލެވޭނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
މި މަގާމަށް މަހަކު 45،700 ރުފިޔާގެ އަސާސީ މުސާރަ ލިބޭނެ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ވެސް މަހަކު ލިބޭނެ އެވެ. އޭގެ އިތުރުން މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.
ކުރިމަތިލެވޭނީ 25 އަހަރު ފުރިފައިވާ، ސުންނަތް ޖަމާޢަތުގެ މުސްލިމުންނަށެވެ. އަދި ޝަރީޢާ ނުވަތަ ގާނޫނު ނުވަތަ މި ދެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ، ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެ އެވެ.
ސިޔާސީ މަގާމެއް ފުރާ މީހުންނަށާއި ސިޔާސީ ޕާޓީއެއްގެ މެންބަރުންނަށް ކުރިމަތިނުލެވޭނެ އެވެ. ހައްދު ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހުންނަށާއި، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމިގެން ހަތް އަހަރު ނުވާ މީހުންނަށް ވެސް ކުރިމަތިލުމުގެ ފުރުސަތެއް ނެތެވެ. ސާބިތު ދަރަންޏެއް އޮތްނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާން ވެސް ޖެހެ އެވެ.
ތިންވަނަ ސުރުޚީގައިވާ 67،000 ރުފިޔާއަކީ މުސާރައާއި ދެ އެލަވަންސް ގުނާފައި ލިބޭ އަދަދެވެ (66،900 ރުފިޔާ). އެ ސުރުޚީ ބޭނުން ކުރާނަމަ، އަދަދު އެއީ އަސާސީ މުސާރަ ނޫންކަން ހަބަރުގައި ސާފުކޮށްދީފައިވާކަން ބަލާލައްވާ.
ކޮމެންޓު ފޮނުވާ