އާދިއްތަ ރޭ ޕާލިމެންޓަށް ވަޑައިގަންނަވަމުން ކޮނޑުގައި އުފުލި ކަޅު ދަބަހުގައި އޮތީ ކުޅިވަރު ސާމާނުކަމުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުތަލިބު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ މުތަލިބާއި، އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ޕާލިމެންޓަށް ވަޑައިގަތީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށެވެ. ލޯކަލް ނޫހަކުން ޝާއިޢުކުރި ވީޑިއޯއެއްގައި މުތަލިބު ހިފައިގެންދިޔަ ބޮޑު ކަޅު ދަބަހުގައި މެމްބަރުންނަށް ރިޝްވަތު ދިނުމަށް ފައިސާ ހުރިކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކޮށްފައި ވެއެވެ. ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ މެމްބަރަކުވެސް މި ތުހުމަތު ކުރެއްވިއިރު، ޖަލްސާއަށް ހުރަސްއެޅުވުމުން އެ މެމްބަރު ބޭރުކުރެވުނެވެ.
ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި މުތަލިބު ވިދާޅުވީ، ވޭތުވެދިޔަ ހަފްތާގައި ހުށަހެޅި ރިއަލް އެސްޓޭޓް ބިލުގެ ބައެއް މާއްދާތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް މެމްބަރުންގެ ގްރޫޕަކުން އެދުނީމާ ބައްދަލުވުމަށް ވަޑައިގަތް ކަމަށެވެ. އެ ވަގުތަކީ އާރަށުގައި ފުޓުބޯޅަ ކުޅުއްވުމަށްފަހު މާލެ އެނބުރި ވަޑައިގަތް ވަގުތު ކަމަށާއި، ސްޕީޑްބޯޓުން ފައިބާވަޑައިގެން ސީދާ ޕާލިމެންޓަށް ވަޑައިގަތީ ކުޅިވަރު ސާމާނު ގެންގުޅުއްވާ ދަބަހާއެކު ކަމަށް އެ ބަޔާނުގައި ވެއެވެ.
ޕާލިމެންޓަށް ވަނުމުގެ ކުރިން ސެކިއުރިޓީ ޗެކުގައި ދަބަސް ސްކޭން ކުރި ކަމަށާއި، ބައްދަލުވުމަށްފަހު އެ ދަބަސް ކޮނޑުގައި އަޅުއްވައިގެން ނުކުތް ކަމަށްވެސް މުތަލިބު ވިދާޅުވިއެވެ. ޕާލިމެންޓުގެ ސެކިއުރިޓީ ބަލަހައްޓަނީ ސިފައިންނަށް ކަމަށާއި، އެތަނުގައި ސީސީޓީވީ ކެމެރާއާއި، ދަބަސް ސްކޭނަރާއި، ބޮޑީ ސްކޭނަރު ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވަޒީރުންވެސް ޕާލިމެންޓަށް ދިއުމުގެ ކުރިން ދިވެހި ކާޑުގެ ކޮޕީ ފޮނުވައި ހުއްދަ ހޯދަން ޖެހޭ ކަމަށާއި، އެ ހުރިހާ އުޞޫލެއް ފުރިހަމަކުރުމަށްފަހު ބައްދަލުވުމަށް ވަޑައިގަތް ކަމަށް ވެސް މުތަލިބު ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ޕީއެންސީގެ ތިން ހަތަރު މެމްބަރަކު މުތަލިބުގެ ދިފާޢުގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެ ދަބަހުގައި އޮތީ ރިޝްވަތު ފައިސާއެއް ނޫން ކަމަށާއި، އޮތީ ކުޅިވަރު ބޫޓު ކަމަށެވެ.
ކޮމެންޓު ފޮނުވާ