ސަރުކާރު މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމުގެ ސަބަބުން އެއްވެސް މުވައްޒަފަކަށް ކުރިން ލިބުނު މުސާރައަށްވުރެ ކުޑަ މުސާރައެއް ނުލިބޭނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް މިއަދު ކޮމިޝަނުގެ ނައިބު ރައީސް ޝާނާ ފާރޫގު ހާޒިރުވެވަޑައިގެންނެވިއެވެ. އެ ކޮމިޓީގައި އޭނާ ވިދާޅުވީ މިހާތަނަށް 40،000 މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކޮށްފައިވާ ކަމަށެވެ. ހާމަނައިޒޭޝަނާ އެކު ބައެއް މީހުންގެ މުސާރަ ކުޑަވާނަމަ، އެ ފަރަގު މައިގްރޭޝަން އެލަވެންސް ދީގެން ފުއްދާނެ ކަމަށް ވެސް ޝާނާ ވިދާޅުވި އެވެ.
ޝާނާ ވިދާޅުވި ގޮތުގައި ކުރިން މުސާރަ ކަނޑައަޅަމުން ދިޔައީ ސެޓްފިކެޓުގެ ލެވެލަށް ބަލައިގެން، ކުރާ މަސައްކަތަކާ ނުބެހި އެވެ. މިހާރު ކޮންމެ ފަންނީ ދާއިރާއަކަށް ވަކި މުސާރައެއް ކަނޑައަޅާފައިވެއެވެ. މިސާލަކަށް ކުރިން 13،000ރ. ހާވަރު ލިބުނު އިންޖިނިއަރުންނަށް މިހާރު އެންޓްރީ ލެވެލްގައި ވެސް ގާތްގަނޑަކަށް 20،000ރ. ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރު ގަޑީގެ ފައިސާއަށް 10 އިންސައްތައިގެ ކެޕެއް އޮވެއެވެ. ނަމަވެސް އެއަށްވުރެ ގިނައިން މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އެކި އިނާޔަތްތައް ތައާރަފުކޮށްފައިވާ ކަމަށް ޝާނާ ވިދާޅުވި އެވެ.
ކޮމިޓީގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ އާދައިގެ މުސާރައާއި މަޖިލިސް މެންބަރެއްގެ މުސާރައާ ދެމެދު 12 ގުނަ ތަފާތެއް އޮތުމާ ބެހޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ޝާނާ ވިދާޅުވީ މެންބަރުންގެ މުސާރަ ކަނޑައަޅަނީ މެންބަރުން އަމިއްލައަށް ކަމަށެވެ. މުސާރައިގެ ފަރަގު ކުޑަކުރެވޭނީ ބަޖެޓަށް ކުރާ އަސަރު ބެލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ