ޕާކިސްތާނުގެ ސަފީރުގެ އަނބިކަނބަލުން ފަސްޓްލޭޑީގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

ޕާކިސްތާނުގެ ސަފީރުގެ އަނބިކަނބަލުން ފަސްޓްލޭޑީގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

Author
އަހުމަދު
16 ނޮވެމްބަރ 2026 07:48
0

 

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަނބިކަނބަލުން، މެޑަމް ހުމައިރާ ލޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، ޒަމާނުއްސުރެ ޕާކިސްތާނުން ރާއްޖެއަށް ދެއްވަމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް ފަސްޓްލޭޑީ ޝުކުރުދަންނަވައިފައިވެއެވެ. ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ލިބުނު މެހްމާންދާރީއަށްވެސް ޝުކުރުދަންނަވަމުން، އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ފަހިވިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދެކަނބަލުން ވަނީ އަންހެނުން ބާރުވެރިކޮށް، އެމީހުންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އިޖްތިމާއީ ގުޅުން ވަރުގަދަކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މެޑަމް ހުމައިރާ ލޯދީ ވަނީ ފަސްޓްލޭޑީއާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ދެމިއޮތް ގާތް އެކުވެރިކަން ކުރިއަށްވެސް އިތުރަށް ހަރުދަނާވެގެންދާނެކަމުގެ ޔަގީންކަންވެސް އެކަމަނާ ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.