ޕީއެންސީ އާއި އަދާލަތު ޕާޓީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފި

ޕީއެންސީ އާއި އަދާލަތު ޕާޓީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފި

Author
އަހުމަދު
16 ނޮވެމްބަރ 2026 07:43
0

 

ސަރުކާރާއެކު ކޯލިޝަނެއް ހެދުމުގެ ރަސްމީ އެއްބަސްވުމެއްގައި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީން މިއަދު ސޮއިކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕީއެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ ޕާޓީގެ ރައީސް އައްޝައިޚް މުހައްމަދު ޝިފާން އެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ހާޒިރުވެވަޑައިގެންނެވިއެވެ.

މިއީ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން، ސިޔާސީ ޕާޓީއަކާއެކު ޕީއެންސީން ރަސްމީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ. ވެރިކަމުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވެ، 2028 ގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުން ދާދިފަހުން ނިންމިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަނުގައި ފަސް އަހަރު ވަންދެން އަދާލަތު ޕާޓީ އޮތެވެ. އޭރު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ހޯމް މިނިސްޓަރުކަން ކުރެއްވިއެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި ވެސް އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. ވެރިކަން ބަދަލުވުމުން ޕާޓީ އިދިކޮޅަށް ދިޔައެވެ. ޕާޓީ އުފެދުނީއްސުރެ ރައީސްކަން ކުރެއްވި ޝައިޚް އިމްރާނަށް ފަހު ޕާޓީގެ ލީޑަރޝިޕަށް ބަދަލުތަކެއް އައިސް، މިހާރު ރައީސްކަމުގައި ހުންނެވީ ޝިފާން އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.