2028 ގެ ރިޔާސީ އިންތިހާބުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކޮށްދިނުމަކީ ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި ތަރައްގީއަށް އޮތް ހަމައެކަނި މަގު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރަހީމް މިހެން ވިދާޅުވީ ޕީއެންސީއާއި އަދާލަތު ޕާޓީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯ ނަސަންދުރާގައި މިއަދު ހަވީރު ބޭއްވި ހަފުލާގަ އެވެ. މި އެއްބަސްވުމާ އެކު، ރައީސް މުއިއްޒުގެ ވެރިކަމުގެ ބާކީ ހުރި މުއްދަތުގައި ސަރުކާރާ އެކު މަސައްކަތްކޮށް، 2028 ގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމާފައި ވެ އެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރަހީމް ވިދާޅުވީ، މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރު ކަށަވަރުކުރާ ފުރަތަމަ ރައީސަކަށް މުއިއްޒު ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ބޭރުގެ ގުޅުންތައް ރަނގަޅުކޮށް، ތަރައްގީއަށް މަގުފަހިކުރެއްވީތީ، ޒުވާނުންނާއި ހަރުމީހުން ހިމެނޭހެން މުޅި ދިވެހިންނަށް އޮތް ހަމައެކަނި ފުރުސަތަކީ ރައީސަށް ދެވަނަ ދައުރެއް ދިނުން ކަމަށް ވެސް ރަހީމް ވިދާޅުވި އެވެ. ގައުމަށް އިހުލާސްތެރިވާނަމަ އަމިއްލަ އެދުންތައް ފަހަތަށް ޖައްސަން ޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝައިހް މުހައްމަދު ޝިފާން ވިދާޅުވީ، ސަރުކާރާ ގުޅުނީ ދީނުގެ ކަންކަން ހަރުދަނާކޮށް، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވާގިވެރިވުމަށް ކަމަށެވެ. އަދުލުވެރި އިގުތިސާދެއް ބިނާކޮށް، ރަށްތަކަށް ފުރުސަތު ފަހިކޮށް، ޒުވާނުން އަމިއްލަ ފައިމައްޗަށް ކޮޅަށް ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ވެސް ކޯލިޝަންގެ މަގުސަދެއް ކަމަށް ޝިފާން ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ