ޓެކްސްގެ ދެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ޓެކްސްގެ ދެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

Author
އަހުމަދު
16 ނޮވެމްބަރ 2026 07:45
0

 

ޓެކްސް ނިޒާމު ހަރުދަނާކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ހުށަހެޅި ދެ ބިލު، ސަބް ކޮމިޓީގެ ދިރާސާއަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. ފާސްކުރި ބިލުތަކަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތަކެވެ.

އާމްދަނީގެ ޓެކްސް ގާނޫނަށް ގެނައި އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހުން ބަދަލުކުރަނީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާއިރު އިންޓްރެސްޓް އުނިކުރުމުގެ އުސޫލުތަކެވެ. އެގޮތުން އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް އެބިޓްޑާގެ 25 ޕަސެންޓަށެވެ. 2027 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ތަންފީޒުކުރާ މި ބަދަލުން ދައުލަތަށް އިތުރަށް 496.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެއެވެ.

ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ޖީއެސްޓީ ބިލުގެ އަމާޒަކީ ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހަރުދަނާކޮށް، ޓެކުހަށް މަކަރުހެދުމުން ދައުލަތަށް ގެއްލޭ ފައިސާ ހޯދުމަށް ދާއިމީ ހައްލެއް ގެނައުމެވެ. ވިޔަފާރިތަކަށް މިހާރު ކުރިމަތިވާ ދަތިތައް ނައްތާލައި ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމަކީވެސް މި ބިލުގެ މަގުސަދެކެވެ.

ދެން މި ދެ ބިލު ފާސްކުރުމަށް ވޯޓަށް އަހާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.