ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭނެ ކަމަށް ފެތުރެނީ ފޭކް ލިޔުމެއް: ހޯމް މިނިސްޓަރު

ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭނެ ކަމަށް ފެތުރެނީ ފޭކް ލިޔުމެއް: ހޯމް މިނިސްޓަރު

Author
އަހުމަދު
16 ނޮވެމްބަރ 2026 07:44
0

 

ބިދޭސީން ރާއްޖޭގައި ބޮޑު އިންވެސްޓްމެންޓެއް ކުރުމުން ރެޒިޑެންޓް ވިސާ ދޭނެ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ގެންނަ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކައަކީ އަސްލެއް ނެތް ވާހަކައެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު އެކްސްގައި ހިއްސާކުރެއްވީ، މަޖިލީހަށް ހުށަހަޅާ ބިލެއްގެ ގޮތަށް ތައްޔާރުކޮށްފައިވާ އެ ލިޔުން "ފޭކް" ކަމަށް ލޭބަލްކޮށްގެންނެވެ. އެ ލިޔުމުގައި ބުނެފައިވަނީ ތިން ހާލަތެއްގައި ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދެވޭނެ ކަމަށެވެ. އެއީ ސަރުކާރުގެ ހުއްދައާއެކު އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރުމުން، 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފުމުން، އަދި ގާނޫނާ އެއްގޮތަށް ދިވެއްސަކާ ކައިވެނިކުރުމުންނެވެ.

އިހުސާން ވިދާޅުވީ، އެ ލިޔުމުގައިވާ އިބާރާތްތަކަކީ މޯލްޑިވްސް އިމިގްރޭޝަނުން ހުށަހަޅަން ވިސްނާފައިވެސް ނުވާ ކަންތައްތަކެއް ކަމަށެވެ. ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސަފުހާގެ މުޅިން އާ އިމިގްރޭޝަން ގާނޫނެއް ކަމަށާއި، އެ ގާނޫނުގައި ރެޒިޑެންޓް ވިސާގެ ނަމުގައި އެއްވެސް ވިސާއެއް ނުހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނާ ގުޅޭ ހައްސާސް މަސައްކަތްތައް ކުރާ އިމިގްރޭޝަން ފަދަ އިދާރާއަކާ ބެހޭ ގޮތުން މިފަދަ ދޮގު ވާހަކަ ނުފެތުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންފިއެވެ.

ސަރުކާރުން އާ އިމިގްރޭޝަން ބިލު މަޖިލީހަށް ހުށަހެޅީ މި މަހުގެ 9 ގައެވެ. އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ރާއްޖެ ނާދެވޭނެކަން އެ ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް ރަސްމާލޭ މަޝްރޫއާއި އާ ރެއަލް އެސްޓޭޓް ބިލާ ގުޅިގެން، އިސްރާއީލުގެ މީހުންނަށް ރާއްޖެ އާދެވިދާނެ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.