ކާމިޔާބު ސައި-ފައި ފިލްމު "ޑޫން"ގެ ޕްރީކުއެލް ސީރީޒް "ޑޫން: ޕްރޮފެސީ"ގެ ރޯލަކަށް ބޮލީވުޑްގެ އެކްޓްރެސް ތާބޫ ހަމަޖައްސައިފި އެވެ.
"ޑޫން" އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ ފިލްމް އެކެވެ. މި އަހަރުގެ ކުރީކޮޅު މި ސިލްސިލާގެ ދެވަނަ ފިލްމް އެއް "ޑޫން 2″ ނެރުނު އިރުގައި ލީޑުން ފެނިގެންދިއައީ ޓިމޮތީ ޝަލަމޭ، ޒެންޑާޔާ، ރިބެކާ ފާގަސަން، ޖޯޝް ބްރޯލިން އަދި ހަވިއޭ ބާޑެމް އެވެ.
"ޑޫން"ގެ ޕްރީކުއެލް ސީރީޒް ގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. އަދި އެންމެ ފުރަތަމަ ސީރީޒަށް ދިން ނަމަކީ "ޑޫން: ސިސްޓަހުޑް" އެވެ. އެ ސީރީޒް ބިނާކޮށްފައި ވަނީ ބްރަޔަން ހާބަޓް އާއި ކެވިން ޖޭ އެންޑަސަން ލިޔެފައިވާ ވާހަކަ "ސިސްޓަހުޑް އޮފް ޑޫން" އަށެވެ. އެ ސީރީޒްގައި ދައްކާނީ "ޑޫން" ފިލްމް ސީރީޒްގައި ހިނގި ކަންތައްތަކުގެ 10،000 އަހަރު ކުރި އެވެ.
ތައްބޫ ގެ އެންމެފަހުން ނުކުތް ފިލްމް އަކީ މިދިޔަ މާޗު މަހު ސިނަމާތަކުގައި އެޅުވި "ކްރޫ" އެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.