ދައުލަތުގެ ވަޒީފާއަދާކުރާ ފަރާތްތަކަށް އޮންނަ ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު ނައްތާލަންޖެހޭ ކަމަށާއިވަޒީފާ ނުލިބިވާ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މިނިވަންކަމާއި ފަރުދީ ހައްގުތައް ހޯދުމުގެ އިސްލާހީ ހަރަކާތުގެ ތެރެއިން މަސައްކަތްތެރިންގެ ހައްގުގެ މުހިއްމު ބައެއް ކަންކަން މިހާތަނަށް ހާސިލުކުރެވިފައިވާ ކަމަށެވެ.
ނަމަވެސް، ވަޒީފާ ނުލިބިވާ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާ ކަމަށާއި އަދި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގު ދިފާއުކުރުމަށް ގޮންޖެހުންތައް ހުރިކަން ފާހަގަވާ ކަމަށް ޑިމޮކްރެޓްސް އިން ބުނެ އެވެ.
މިނިވަންކަމާއެކު މަސައްކަތްކޮށް އެކަށީގެންވާ އުޖޫރަ ލިބުމަކީ އިންސާނާގެ ކަރާމާތާ ގުޅިފައިވާ ކަމެއް ކަމަށާއި އަޅުވެތިކަމުން ސަލާމަތްވެގެންވާ އަދި އިންސާނާގެ ކަރާމާތް އުފުލިގެންވާ މާހައުލެއް ޤާއިމުކުރުމަށް ތިމާގެ ހަލާލު މަސައްކަތުން ފައިމައްޗަށް ތެދުވުމަށް ބާރުވެރިކަން ހޯދައިދޭންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު ނެތް ގައުމަކަށް ހެދުމަށް، ދައުލަތުގެ ވަޒީފާއަދާކުރާ ފަރާތްތަކަށް އޮންނަ ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު އެންމެ ފުރަތަމަ ނައްތާލުމަކީ އެހެން ހުރިހާ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ މާހައުލު ނިމުމަކަށް ގެނައުމަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.