ޞިއްޙަތަކީ ޙައްޤެއްގެ ނަޒަރިއްޔާތުން، ވަރަށް ފުންކޮށް އަދި ފުޅާކޮށް ވިސްނަން ޖެހޭ ކަމެއް: ވަޒީރު

ޞިއްޙަތަކީ ޙައްޤެއްގެ ނަޒަރިއްޔާތުން، ވަރަށް ފުންކޮށް އަދި ފުޅާކޮށް ވިސްނަން ޖެހޭ ކަމެއް: ވަޒީރު

Author
ޙަސަން މުޙައްމަދު
07 އޭޕްރިލް 2024 01:19
0

ޞިއްޙަތަކީ ޙައްޤެއްގެ ގޮތުގައި، އެ ނަޒަރިއްޔާތުން، ވަރަށް ފުންކޮށް އަދި ފުޅާކޮށް ވިސްނަން ޖެހޭ ކަމަށް ކަމުގައި ސިއްޙަތާބެހޭ ވަޒީރު ޑރ. ޚަލީލު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިތާބުގައެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިއާރަކީ "އަހަރެންގެ ޞިއްޙަތު – އަހަރެންގެ ޙައްޤު" މި ޝިޢާރެވެ. ޚިތާބުގައި ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޞިއްޙަތަކީ ޙައްޤެއްގެ ގޮތުގައި، އެ ނަޒަރިއްޔާތުން، ވަރަށް ފުންކޮށް އަދި ފުޅާކޮށް ވިސްނަން ޖެހޭ ކަމަށާއި، ޞިއްޙަތަކީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކުރުމާއި ދެމެހެއްޓުމުގެ އިތުރުން އެ ޙައްޤަށް އުނިކަމެއް ލިބިދާނެ ހުރިހާ ޙާލަތެއްގައި ޞިއްޙަތު ރައްކާތެރިކުރުމަށް އިސްކަންދިނުމުގެ ވިސްނުމާއި ފިކުރު އަށަގަންނަވަންޖެހޭ ކަމެއް ކަމުގައެވެ.

އަދި އަމިއްލަ ދިރިއުޅުމާއި ޢާއިލާއާއި ޖަމާޢަތުގެ ފެންވަރުގައި ކަންކަން އިންތިޒާމުކުރެވޭކަން ވަޒީރު ވާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޤައުމުގެ ޞިއްޙީ އިޖްތިމާޢީ އަދި އިޤްތިޞާދީ ސިޔާސަތުތައް ބައްޓަންކުރެވިގެންދާއިރު، ޞިއްޙަތަކީ އަސާސީ ޙައްޤެއްކަމަށް ރިޢާޔަތްކޮށްގެން ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރުމަކީ މުހިއްމު ކަމެއްކަމަށް ވަޒީރު ޑރ. ޚަލީލު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގިނަ ފަހަރަށް ޞިއްޙަތަކީ ނުވަތަ ޞިއްހަތުގެ ޙައްޤަކީ، ހަސްފަތާލުތަކާ ޞިއްޙީ މަރުކަޒުތަކުން ލިބެން ހުންނަ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައްކަމުގައި ހީވެފައި އޮންނަނަކަމަށާއި އެހެންނަމަވެސް އެއަށްވުރެ ބޮޑަށް ސިއްޙަތާއި ގުޅޭކަންކަމަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ.

"އުނގެނުމާ ތަރުބިއްޔަތުގެ، ކުޅިވަރާ މުނިފޫހިފިލުވުމުގެ މާޙައުލުތަކުގެ އަދި މަގުމަތީގެ ސާފުތާހިރުކަމާ ރައްކާތެރިކަން، ތަޢުލީމާ ތަމުރީނާ ޞައްޙަ މަޢުލޫމާތު، ފަރުދުންގެ މެދުގައި އޮންނަ ގުޅުންތަކާ އިޖްތިމާޢީ ފޭރާން، އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް ހިމެނޭ. މިކަންކަމަކީ، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުގެ އަދި ބައެއްފަހަރަށް ޞިއްޙީ ދާއިރާގެ ބޭރުގައި ހުރި، އެހެނަސް އަހަރެމެންގެ ޖިސްމާނީ އަދި ނަފުސާނީ ޞިއްޙަތާ ސީދާ ގުޅުންހުރި ކަންކަން."

ސިއްޙަތާބެހޭ ވަޒީރު ޑރ. ޚަލީލު ވިދާޅުވިއެވެ.

މިއަދުގެ ޚިޡާބުގައި ޑރ، ޚަލީލު ވިދާޅުވީ "އަހަރެންގެ ޞިއްޙަތު- އަހަރެންގެ ޙައްޤު" ފުރިހަމަ މާނާގައި އަދި ދެމެހެއްޓެނިވިގޮތެއްގައި ކަށަރުކުރެވޭނޭހެން ޞިއްޙީ ދާއިރާގެ ޚިދުމަތްތައް މިހާރު ޤާއިމުކުރެވި، އިންޤިލާބީ ހެޔޮ ބަދަލުތަކާ ދިމާލަށް މިސްރާބު ޖަހާފައިވާކަމުގައެވެ. އަދި އެހެޔޮ ބަދަލުތަކާއެކު، ޞިއްޙަތާ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކުރިއެރުވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.