ތަގުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނެގި މީހާ ހައްޔަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުސް ތަރުޖަމާން އަހްމަދު ޝިފާން ރޭ ވިދާޅުވީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވާ ކަމުގައެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އެކްސް ޕޯސްޓެއްގައި ބުނެގައިވަނީ ތިން ރޭ މަތިން ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގާފައި ވާކަމުގައެވެ.
އަދި މާލޭ ސިޓީ ކައުންސިލުން ވަނީ ވައްކަން ކުރި ވޯޑީއޯތައްވެސް އާންމު ކޮށްފައެވެ. ވީޑިއޯ ފޫޓެޖުން ފެންނަ ގޮތުގައި، މިސްކިތުގައި ހުރި ސްޓޭންޑިން ފަންކާ ގެންގޮސްފައިވަނީ ޒުވާން ފިރިހެން ކުއްޖެކެވެ.
ތަގުވާ މިސްކިތުގެ ފަންކާތައް ވަގަށް ގެންދިޔަ އިރު، ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފެންމޯޓަރު ވެސް ވަނީ ވަގަށް ނަގައިފައެވެ. އަދި އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް ވަނީ ވަގަށް ނަގައިފައެވެ.
މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ވަގަށްނެގި މައްސަލަ ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.