އިންތިޚާބުތައް ފަސްކުރާ ބިލް ތަސްދީގު ކުރެއްވުމާއި ގުޅިގެން، 3 ބައި އިލެކްޝަނެއްވެސް ފަސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި، އެއްވެސް އިންތިޚާބެއް ރޯދަމަހު ބާއްވައިގެން ނުވާނެ ކަމަށާއި، ރޯދަމަހުގައި އިންތިޚާބެއް ބާއްވަން ޖެހޭ ޙާލަތުގައި، އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި، 10 ދުވަސް ފަހުން ކަމަށް ކަނޑައެޅުއްވުމާ ގުޅިގެން، 2024 މާރޗް 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާފައިވާ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، 2024 މާރޗް 30 ވަނަ ދުވަހު ބާއްވަން އިޢުލާން ކުރައްވާފައިވާ، މ. މަޑުއްވަރީ ކައުންސިލް ގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ދެން އޮންނާނީ 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ކަމުގައެވެ.
ހަބީބުގެ އެކްސް ޕޯސްޓުގައި ވިދާޅުވީ މި 3 ބައި-އިލެކްޝަން ގެ ވޯޓުލުން ފެށޭނީ ހެނދުނު 08:00 ން ހަވީރު 04:00 އަށް ކަމަށާއި ވޯޓުގުނަން ފަށާނީ އެދުވަހުގެ ހަވީރު 4:30 ގެ ފަހުން ކަމަށެވެ.
މިއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ވެސް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ދުވަސްކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ފަސްކުރާ ބިލް ރައީސް މުއިއްޒު ތަސްދީގު ކުރެެއްވީ ފާއިތިވި ފެބްރުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. ރައީސް މުއިއްޒު އެ ބިލް ފާސްކުރުމާއެކު، މި މާރޗްމަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފަ އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ދެން އޮންނާނީ އަންނަ ރޯދަމަސް ނިމި 10 ދުވަސް ފަހުންނެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިހާބު މާޗް 17 ގައި ބޭއްވުމަށް އެންމެ ފުރަތަމަ ނިންމި ނަމަވެސް މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި އޮތީ އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހެއްގައި ނުބޭއްވޭނެ ކަމަށެވެ.
އަދި އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.