އުޝާމް، ސިރާޖަށް؛ ހުރިހާ ބާރެއް ލިބުމުން އަދިވެސް ގޯސްވަނީ ކުރީ ސަރުކާރުތޯ؟

އުޝާމް، ސިރާޖަށް؛ ހުރިހާ ބާރެއް ލިބުމުން އަދިވެސް ގޯސްވަނީ ކުރީ ސަރުކާރުތޯ؟

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2020 09:45
0

ދައުލަރުގެ ހުރިހާ ބާރެއް ލިބުމުންވެސް ގޯސްކޮށް ހިނގާފައިވާކަމަށް ބުނާ ކަންކަން ނުބަލައި އަދިވެސް ކުރީ ސަރުކާރާއި ކުރީގެ ވެރިކަން ގޯސްކުރުން ނޫންކަމެއް މިސަރުކާރަށް ނުކުރެވޭ ކަމުގައި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ މިމައްސަލަ ދައުލަތަށް ކާމިޔާބް ވެފައި ނުވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އާއި ފުލުހުން މިމައްސަލާގައި އަަމަލުކޮށްފައިވާ ގޮތުން ކަމަށެވެ. އަދި މިއަދު ބިޝާމާއި، ފުލުހުންގެ މުއައްސަސާގެ ވެރިން ބަދަލުވެފައިވާއިރު، މިތަންތަނަށް އަންނަންޖެހޭ ރިފޯމް އަވަސްވާންޖެހޭކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ.

ސިރާޖުގެ މިވާހަތަކާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ ސަރުކާރާއި، ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ބޭނުންވާގޮތަކަށް ކަމެއް ނުނިމިއްޖެނަމަ އެކަމެއްގެ ޒިންމާ އަދިވެސް ނަގަންޖެހެނީ ކުރީ ސަރުކާރުންކަމަށެވެ. ކުރީ ސަރުކާރު ގޯސްވެ އެ ސަރުކާރުން ހިންގި ކަންކަން ގޯސްވެގެން މުޅި ދައުލަތް ބަދަލުކޮށް ހުރިހާ ބާރެއް ލިބުމުން އަދިވެސް ދައްކަނީ ބަހަނާކަމަށް އުޝާމް ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ހިނގާ ގޯސްކަންކަމާއި، ބަލަންބުނި މައްސަލަތަކާއި، ތަޙްޤީޤުތައް ލަސްވެ އެއްވެސް ކަމެއް ސާބިތުނުވުމަކީ އެކަމުގެ ބަދުނާމު ކުރީ ސަރުކާރުގައި އަޅުވަންވީ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެކު ރައީސް ޔާމީން ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޮނުވި ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އަކާ ގުޅިގެން ކަމަށެވެ. އެކަމަކު އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓާ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ހުރި ގުޅުމެއް ފުލުހުންނަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ދެއްކިފައިނުވާ ކަމަށް އެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ނިންމި ނިންމުން ބިނާކުރި ސަބަބު ގޯސް ކަމަށެވެ. އެކަމަކު އެކައުންޓް ފްރީޒްކުރި ސަބަބާއި އެކައުންޓްތަކާ ހުރި ގުޅުން ފުލުހުން ބުނެދެވިފައި ނުވާތީ އެ އެކައުންޓުތައް ދޫކޮޮށްލަން ހައި ކޯޓުން ކުރި ޙުކުމް ރަނގަޅު ކަމަށް ވެސް އެ ޙުކުމުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.