ސްރީ ލަންކާ އަދި މެލޭޝިއާގައި ދިވެއްސާއި އިސްލާމް ކިޔަވައިދޭން ފެށުމަށް ފަހު އެކަން ހުއްޓިފައި އޮތް އޮތުން އަންނަ ހަފްތާގައި ނިމުމަކަށް ގެންނަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. ވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދިވެހިން ގިނައިން އުޅޭ ބައެއް ގައުމުތަކުގައި މީގެ ކުރިން ދިވެހި/އިސްލާމް ކިޔަވައިދެމުން ދިޔަ ނަމަވެސް މިދިޔަ ސަރުކާރުގައި އަޅާލުން ކުޑަވުމުން އެކަން އޮތީ ހުއްޓިފައި ކަމަށެވެ.
ދިވެހި އަދި އިސްލާމް، މާއްދާއަކީ ހަމައެކަނި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އުގަންނައިދޭންޖެހޭ މާއްދާތަކެއް ނޫން ކަމަށާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށްވެސް މި މާއްދާ އުގަންނައިދޭން ޖެހޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
"އަންނަ ހަފުތާ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހިބަހާއި އިސްލާމް ކިޔަވައިދިނުމުގެ ޕްރޮގުރާމު ފަށައިގަންނާނަން. މި ޕްރޮގުރާމަކީ ކުރިންވެސް އޮތް ޕްރޮގުރާމެއް. އެހެންނަމަވެސް ފާއިތުވެދިޔަ ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން ލަންކާގައި އޮތް ޕްރޮގުރާމުވެސް، މެލޭޝިޔާގައި އޮތް ޕްރޮގުރާމުވެސް އޮތީ ހުއްޓިފައި،" ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ވަސީލަތްތައް ނެތިގެން ދިމާވާ ދަތިތަކަށް ލުއިތަކެއް ހޯދި، ހިންގުން ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.
ޝަފީއު ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންދާ ކަމަށާއި މިހާރު 11 ސުކޫލެއްގައި ޕައިލެޓް ޕްރޮގުރާމެއް ހިންގަމުންދާ ކަމެވެ. އެ ޕްރޮގުރާމުން ލިބޭ މައުލޫމާތުތަކުގެ މައްޗަށް އިތުރަށް ގެންނަންޖެހޭ އިސްލާހުތަކާއި ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމާ ގުޅުންހުރި އެހެނިހެން ވުޒާރާތަކާއެކު އެޑިއުކޭޝަން މިނިސްޓްރީން ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.