މާލޭސިޓީ މަޖީދީމަގުގައި އިތުރު ފަޔަރ ހައިޑްރަންޓް ސިސްޓަމްތައް ބަހައްޓުމުގެ މަސައްކަތް ފަށައިފިއެވެ.
އަލިފާން ނިއްވުމަށް ފެން ފޯރުކޮށްދިނުމަށް މަޖީދީމަގުގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ 13 ވަނަ ދުވަހުއެވެ. މިގޮތުން، މަޖީދީމަގުގައި ޖުމުލަ 12 ހައިޓްރަންޓް ބެހެއްޓުމަށް ނިންމާފައިވާއިރު، މިހާތަނަށް ތިން ހައިޑްރަންޓް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިގޮތުން، މަޖީދީމަގުގެ މާފަންނު މަދަރުސާ ކައިރީގައާއި، މާފަންނު ސަހަރާ ކައިރީގައި އަދި ޝާރިއުވަރުދީ ކައިރިން މަޖީދީމަގުގައި ހައިޑްރަންޓްތައް ހަރުކޮށް ވަނީ ނިމިފައެވެ. އަދި، އަސަރީގޯޅި ކައިރިން މަޖީދީމަގުގައި ހަތަރުވަނަ ހައިޑްރަންޓް ބެހެއްޓުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރެވެމުންނެވެ.

މި މަސައްކަތް އަމަލީ ގޮތުން ކުރަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ. މި ޕްރޮޖެކްޓްގައި މަސައްކަތަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމާއި މަސައްކަތަށް ފަސޭހަކުރުމަށް ފެން ހިއްކަންޖެހޭ ހާލަތްތަކުގައި ފެން ހިއްކުމާއި ސައިޓް ސްޕަވައިޒްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންނެވެ. މިމަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ނިންމާލެވޭނެއެވެ.
މީގެ ކުރިންވެސް މަޖީދީ މަގުގައި ފަޔަރ ހައިޑްރަންޓް ސިސްޓަމެއް ޤާއިމްކޮށްފައިވެއެވެ. ރައީސް ޔާމިންގެ ދައުރުގައި މަޖީދީ މަގު އަލުން މަރާމާތު ކުރުމަށް ހިންގި މަޝްރޫޢުގެ ތެރެއިން ބެހެއްޓި މި ސިސްޓަމް ބޭނުން ނުކުރެވޭކަމަށް މިސަރުކާރުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ