ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް ސަރވޭއެއް ކުރުމަށާއި، ދިވެހިރާއްޖޭގައި ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް ސަރވޭއެއް ކުރުމަށް ނިންމެވުން
މިއީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށައަޅައި މަޝްވަރާކުރެވުނު ކަރުދާހެކެވެ. ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ޤައުމީ ފެންވަރުގައި ސާވޭއެއް ކުރިއަށްގެންދިއުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުން އެއްބަސްވުމެއް އެކުލަވައިލެއްވުމަށެވެ.
މީގެ އިތުރުން ސަރވޭ ޕްލޭންކުރުމުގައި ކަމާގުޅުންހުރި އިދާރާތައް ޝާމިލުވާ ޓެކްނިކަލް ޓީމެއް އެކުލަވައިލުމަށާއި އާބާދީ 1000 އަށްވުރެ މަދު ރަށްތަކުގައި ސަރވޭ ކުރިއަށްގެންދާނީ ރަށު ކައުންސިލުންކަމުގައި ކަނޑައެޅުއްވިއެވެ. ހަމަ އެގޮތަށް އާބާދީ 1000 އަށްވުރެ މަތިނަމަ، ވޮލަންޓިއަރުންގެ އެހީތެރިކަމާއެކު ސަރވޭ ކުރިއަށްގެންދާނެ އުސޫލެއް ކަނޑައެޅުމަށާއި ސަރވޭއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެވި، ހަވާސާވެފައި ތިބި ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފާހަގަކޮށް، އެމީހުންނަށް ފުރަތަމަ މަރުޙަލާގައި ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ފޯރުކޮށްދިނުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ. މީގެ އިތުރުން މިކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މުހިންމު އިތުރު ނިންމެވުންތަކެއް ނިންމެވިއެވެ.