އައްޑޫގައި ހިންގަމުންންދާ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.
މަޖިލިސް ރައީސް ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް އާދަމް ޝަރީފް ފޮނުވި ސިޓީގައި ވަނީ އައްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލާފައެވެ. އައްޑޫގައި ހިންގަމުންންދާ ފްލައިންގ ސްކޫލްގައި ދިވެހި ދަރިވަރުން ކިޔަވަމުންދާ ކޯސް ފުރިހަމަ ކުރުމަށް ތަފާތު މައްސަލަތައް ކުރިމަތިވަމުންދާކަން އެކިގޮތްގޮތުން ވަނީ ފާހަގަ ކުރެވިފައިވާއިރު، ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ކޯސްތައް، އެ މުއްދަތުގެތެރޭގައި ފުރިހަމަ ކުރެވޭ މިންވަރަށް ކިޔަވައިނުދިނުމާއި ތަމްރީނުތައް ފޯރުކޮށް ނުދެވުމާއި މަޤުބޫލު ސަބަބަކާނުލައި ދަރިވަރުން އެ ސްކޫލުން ވަކިކުރާކަން ހާމަކުރަަމުންދާކަމަށް އާދަމް ޝަރީފް ގެ ސިޓީގައި ވެއެވެ.
އަދި ފްލައިންގ ސްކޫލްގައި ހިންގާ ކޯސްތަކަކީ ނުހަނު އަގުބޮޑު ކޯސްތަކަކަށްވާއިރު، ޝެޑިއުލާ އެއްގޮތަށް ކޯހުގައި ކިޔަވައިނުދިނުމުގެ ސަބަބުން، ބައެއް ދަރިވަރުން 4 އަހަރު ދުވަސް ހޭދަކުރަންޖެހި، އެތައް ޚަރަދުތަކެއް ކުރަންޖެހިފައިވާކަން ފާހަގަ ކުރައްވައި، ސްޓޫޑެންޓް ލޯން ނަގައިގެން ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ގޮންޖެހުންތަކާއި މާލީ ދަތިތައް ކުރިމަތިވެ، އެ ދަރިވަރުންގެ ބެލެނިވެރިން އުފުލަންޖެހޭ ދަތިތައް އެހާމެ ގިނަކަމަށްވެސް މިސިޓީގައި ވެއެވެ. އަދި ފްލައިންގ ސްކޫލުން ކަންކަން ކުރަމުންދާގޮތުންނާއި އެ ސްކޫލްގެ ޙާލަތަށް ބަލާއިރު، ދަރިވަރުންނަށް އެ ސްކޫލްގައި ކޯސް ފުރިހަމަ ކުރެވޭނެ ކަމުގެ އުންމީދު ދަނީ ގެއްލެމުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވަނީ އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި އެ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ގާތުން ބައްލަވައި، ދަރިވަރުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ނުގެއްލި، ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަށް ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން މަސައްކަތްކޮށްދެއްވުމަށް މަޖިލިސްގެ ރައީސްއަށް ފޮނުވި ސިޓީގައި އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ