މިސަރުކާރުގެ ބިޔަ ބޮޑު މަޝްރޫޢުއެއް ފުރިހަމަކުރައްވައިފިކަމަށާއި، އެއީ ކުރީ ސަރުކާރުން ޢިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ކުލަ ބަދަލުކުރުންކަމަށް ވިދާޅުވެ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވެފައިމިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7000 ޔުނިޓުގެ ފްލެޓްތަކުގެ ކުލަބަދަކުރަން ފަށުމާއި ގުޅިގެންނެވެ. އެގޮތުން ކުރީ ސަރުކާރުން ފްލެޓްގެ އެކި ޢިމާރާތްކުގައި އެކި ކުލަ ލާފައި ހުއްޓެވެ. ނަމަވެސް އެ ފްލެޓްތަކުގައި މިސަރުކާރުން މިހާރު ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކުލަކަމަށްވާ ރީނފޫ ކުލަ ލާން ފަށާފައެވެ. މިއާއެކު ގިނަ ބައެއްގެ ފަޑުކިއުން ވަނީ އަމާޒުވެފައެވެ.
ޑރ.މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުގެ އަނެއް ބިޔަ މަޝްރޫޢު ނިންމާލެއްވީކަމަށާއި، އެގޮތުން ކުރީ ސަރުކާރުން ތަރައްޤީކޮށްފައިވާޕާކް ތަކުގެ ނަން ބަދަލުކުރުމާއި، ފްލެޓްތަކުގެ ކުލަ ބަދަލުކުރުމަކީ އެފަދަ މަޝްރޫޢުތައްކަމަށެވެ.
Another 'mega project' about to be completed!? Changing names of previously developed parks, repainting over already painted flats…etc pic.twitter.com/l36Chd36J6
— Dr Mohamed Muizzu (@MMuizzu) December 12, 2020
ކުރީ ސަރުކާރުން ޢާންމުންނަށް ހިތްހަމަ ޖައްސާލާ އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް ތަރައްޤީކުރި ރަސްރަނި ބަގީޗާ މިސަރުކާރުން ވަނީ ސަލްޓަންޕާކްގެ ނަމަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން ހިޔާ ފްލެޓްގެ ކުލަ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ކުލަ އަށް ބަދަލު ކުރަމުންދާއިރު، ކުލަބަދަލު ކުރަމުންދާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިޔާގައި ދަނީ ދައުރު ކުރަމުންނެވެ. އަދި ގިނަ ބައެއްގެ ފާޑުކިޔުންވަނީ މިކަމަށް އަމާޒުވެފައެވެ. ފްލެޓްތަކުގެ ކުލަ ބަދަލު ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެ ބައެއް ފަރާތްތަކުން ބުނެފައިވަނީ ކުލަ ބަދަލު ކުރިޔަސް އިމާރާތަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި އިމަރާތް އަޅާފައިވަނީ މިސަރުކާރުން ކަމަށްވެސް ހެދޭނެ ގޮތެއް ނޯންނާނެކަމަށެވެ.
ކޮމެންޓު ފޮނުވާ