މިވެރިކަން ބަދަލުކުރަން ރައްޔިތުން ނިކުންނަންވީ ވަގުތަކީ މިއީ: މުހައްމަދު

މިވެރިކަން ބަދަލުކުރަން ރައްޔިތުން ނިކުންނަންވީ ވަގުތަކީ މިއީ: މުހައްމަދު

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2020 01:34
0

އިސްލާމް ދީނާއި ޚިލާފު އެތައް ކަމެއް އާންމުވެ، ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކޮށް، ރައްޔިތުން ބިހަކާލުގައި ޖެހިފައިވާ މިވަގުތަކީ މިވެރިކަން ބަދަލު ކުރުމަށް ރައްޔިތުން ނިކުންނަންވީ ވަގުތު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރަށު ބަންދުގައި ތިބި ބާރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ މިއަދު ޤައުމުގެ ކޮންމެ ދިމާލަކަށް ބަލައިލި ކަމުގައި ވީނަމަވެސް ފެނިގެންދަނީ ހިއްދަތި ބަލަން އުދަގޫ މަންޒަރުތަކެއް ކަމަށެވެ. ފާޅުގައި އިސްލާމްދީނާއި ދެކޮޅަށް އަޑު އުފުލާ މީހުން ގިނަވެ، ދިނާއި ޚިލާފު ކަންކަން އެއްވެސް ބިރެއްނެތި މިނިވަންކަމާއިއެކު ކުރާތަން ފެންނަމުންދާކަމަށެވެ. މިކަންކަން ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމަކީ މިކަން ކުރާ ފަރާތްތަކަށް ދެވޭ ހިތްވަރެއްކަމަށް މުހައްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީނާއި، ދިވެހިން އުޅެމުންދިޔަ އިސްލާމީ އާދަތައް ދޫކޮށް، އެހެން އާދަތަކަށް ބަދަލުވާން ބޭނުންވާ ބައެއް ނޫންކަމަށާއި، ނަމަވެސް ވެރިކަން ކުރާ ބާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންގެ ވާހަތަކުންނާއި، އަމަލުތަކުގެ ސަބަބުން ދިވެހިންގެ އާދަތައް އެހެން ދިމާލަކަށް ދީއްލާލުމުގެ ބިރު މިއަދު ހީވާން ފަށާފައިވާކަމަށެވެ.

ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނައި ތަރައްޤީ ފިޔަވައި އެހެން އެއްވެސް ކަމެއް މިސަރުކާރަށް އަލަށް ކުރެވިފައި ނުވާއިރު، މިސަރުކާރުން ދެން އިތުރަށް ދައްކާ ހުސްވާހަކަ އަޑު އަހާ ބަޔަކަށްވެ ރައްޔިތުން ނުތިބުމަށް މުހައްމަދު ވަނީ ގޮވާލާފައެވެ. އަދި މިކަން ކުރުމަށް އޮތް އެންމެ ރަނގަޅު ފުރުސަތަކީ މިއީ ކަމަށާއި، ކައުންސިލް އިންތިޚާބުގައި މިސަރުކާރަށް ބޮޑު ތަނުން ރައްޔިތުން ނޫނެކޭ ބުނާނެ ކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މިފެންނަކީ ދީނާއި ޚިލާފް ކަންކަން އާންމުވެ ފާޅުގައި ދީނާއި ދެކޮޅަށް މަސައްކަތް ކުރާ މީހުން އާންމުވެ އިތުރުވަމުންދާތަން. ޤައުމުގެ ތަރައްޤީއަށް ކުރެވޭ އެއްވެސް މަސައްކަތެއް ނުފެނޭ. ރައީސް ޔާމީން ގެނައި ތަރައްޤީ ނޫން ތަރައްޤީއެއް ނެތް. މިއީ ރައްޔިތުން މިސަރުކާރާއި ދެކޮޅަށް ނިކުމެ މިވެރިކަން ބަދަލު ކުރަންވީ ވަގުތު.

– މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މުހައްމަދު ވަނީ އޭނާ ނިސްބަތްވާ ހޯރަފުށި ދާއިރާއަށާއި، އަދި ޖުމްލަކޮށް ހއ.ގެ ރަށްތަކަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. އަދި މިސަރުކާރުން ހއ.އަތޮޅުގެ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށް ރައީސް ޔާމީންގެ މަސައްކަތުން ހޯރަފުށީގައި ގާއިމް ކުރި އެއާޕޯޓު ހުޅުވި ކަމުގައި ވީނަމަވެސް އެމަަސައްކަތަކީ ރައީސް ޔާމީންގެ ތަރައްޤީއެއް ކަމާއިމެދު ޝައްކު ކުރާނެ ރައްޔިތަކު ހއ.އަތޮޅުގައި ނެތްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.