ރޭގެ ވަގުތެއްގައި ހއ. ދިއްދޫގެ ފަރަށް ލޯންޗެއް އަރާ ހިނގި ހާދިސާގައި އަނިޔާވި މީހުންގެ ހާލު ރަގަޅުކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރޭގެ އިރާކޮޅު، އެ އަތޮޅު ވަށަފަރުން ދިއްދޫއަށް 10 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗު ދިއްދޫ ފަރަށް އެީ ރޭގެ 7:30 ގާއިރުއެވެ.
ދިއްދޫ ކައުންސިލްގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެރަށު ނެރަށް ލޯންޗު އެރި ހާދިސާގައި 8 މީހަކަށް އަނިޔާވިއިރު، 2 މީހަކު ފިޔަވާ އެހެން ހުރިހާ އެންމެންވެސް މިހާރުވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.
ކައުންސިލުން ބުނެފައިވަނީ ފަރުވާ ދެމުންދާ ދެމީހުންގެ ތެރެއިން އަކަކީ ބޮލަށް އަނިޔާ ލިބުނު މީހަކަށްވާއިރު ދެވަނަ މީހާއަކީ ލޮނު ބޮވުނު މީހެއް ކަމުގައެވެ.
ކައުންސިލުން ބުނެފައިވަނީ ލޯންޗު ނެރަށް އަރަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވިނަމަވެސް މިދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑު ގަދަ ދުވަސްވަރަކަށް ވުމުގެ އިތުތުން ދިއްދޫ ބަނދަރު ބޮޑުކުރަމުން ދާތީ ނެރު ބައްތިވެސް އޭރު ހުރީ ނުދިއްލާ ކަމުގައެވެ. އަދި މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، ހައްލެއް ހޯދުމަށް ބަނދަރު މަރާމާތު ކުރަމުންދާ ފަރާތްކަމުގައިވާ އެމްޓީސީސީގައި އެދެމުން ދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަންވެސް ކައުންސިލުން ފާހަކަ ކޮށްފައި ވެއެވެ.
ދިއްދުއަށް ދަތުރުކުރި ލޯނޗަކީ ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒުއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެއަތޮޅު ވަށަފަރުން ދިއްދޫއަށް ދަތުރުކުރި ލޯމްޒެކެވެ. މި ލޯންޗުގައި ތިބީވެސް ވަށަފަރު މީހުންނެވެ.