ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ރާއްޖޭގެ ރައީސަކަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމާ ގުޅިގެން ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ހަމަޖައްސައިފިއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ.
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުގެ އަރިހުގައި ރިޔާސީ ކެމްޕެއިންގައި ވެސް އެންމެ އިސްކޮށް އުޅުއްވި އަބްދުއްރަހީމް ވިދާޅުވީ، ޓްރާންސިޝަނަލް ކޮމިޓީގެ އޮފީސް އުފައްދަން ގާނޫނުގައި ބުނެފައި ވަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ފަހު ކަމަށް ވިޔަސް އެހެން ކޮމިޓީތަކުގެ މަސައްކަތް ފަށައިގަނެވޭތޯ ބަލަމުން އަންނަ ކަމަށެވެ. އަބްދުއްރަހީމަކީ ޕީޕީއެމް/ޕީއެންސީ ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބޭފުޅާއެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލް އަށް ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހެއެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހަމަޖައްސަން ގާނޫނުން ލާޒިމްކުރެއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެންމެ ގިނަ ވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވައިފައެވެ.
އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ކަމަށް އެ އޮފީހުން ބުންޏެވެ. ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ބުންޏެވެ.