އެމްޑީޕީއަކީ އުސޫލުތައް ގަބޫލުކުރާ ސިޔާސީ ޕާޓީއެއް ކަމަށާއި، ކޮންމެ މީހަކަށްވެސް، ޕާޓީއަށް ވަނުމަށް ކުރާންޖެހޭ ކަންކަން ފުރިހަމަ ކުރުމުން އެމްޑީޕީއަށް ވަދެވޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް ވަނުމަށް ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭގޮތުން، މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއަށް ވަނުމަށް އެއްވެސް މީހަކު ގައުމީ މަޖިލިހުގެ މެމްބަރުންގެ %50 ތާއީދު ބޭނުން ނުވާ ކަމަށާއި، އަދި ޕާޓީއަށް މީހުން ވެއްދުމަކީ އެމަނިކުފާނުގެ ޒިންމާއެއްވެސް ނޫންކަމުގައެވެ.
އެގޮތުން ވަކި މީހަކު ވެއްްދުމަށް އަދި ނުވެއްދުމުގައިވެސް އެމަނިކުފާނުގެ ދައުރެއް ނެތްކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ އުސޫލުތައް ގަބޫލުކުރާ ކޮންމެ މީހަކަށްވެސް އެޕާޓީއަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމުގައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ %50 ތާޢީދު އޮތްނަމަ އެމްޑީޕީއާއި ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލަށް ފޮނުއްވި މެސެޖެއްގައެވެ. ފައްޔާޒް ވަނީ އެކަން އެމްޑީޕީގެ ޤައުމީ މަޖިލީހާ ހިއްސާކުރައްވާފައެވެ.
ޤައުމީ މަޖިލީހަށް ފައްޔާޒް ފޮނުއްވި މެސެޖުގައި ވަނީ "އެމްޑީޕީގެ ޤައުމީ މަޖިލީހުގެ %50 ތާޢީދު އޮތްނަމަ އަޅުގަނޑު އެމްޑީޕީއާއި ގުޅެން ތައްޔާރު" ކަމަށް ވިދާޅުވެފައެވެ.
ފައްޔާޒްގެ މި މެސެޖަށް ކުރެއްވި ރިޕްލައިގައި ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެެއަރޕާސަން އިބްރާހީމް ވަޙީދު ވިދާޅުވީ އެކަމަށް ތާއީދު ނުކުރައްވާކަަމަށެވެ. ނަމަވެސް ޢައުމީ މަޖިލީހުގެ އެހެން ބައެއް މެންބަރުން އެކަމަށް ތާޢީދު ކުރައްވާކަން ހާމަކޮށްފައިވެއެވެ.
ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލުތަފާތުވުމުގެ ތެރެއިން އެޕާޓީން ވަކިވެވަޑައިގެން ބައެއް މެންބަރުން އުފެއްދެވި ޕާޓީއެކެވެ. ރައީސް ނަޝީދުވެސް އެޕާޓީއާއި ގުޅިވަޑައިގަތުމަށްފަހު ވިދާޅުވެފައިވަނީ އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގަތީ ނޫންކަމަށާއި، އެކިދުވަހު އެމަނިކުފާނު އެކަހެރިކުރައްވަމުން ގެންގޮސް ޕާޓީން ދުރުކުރެއްވީކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރައ ޑިމޮކްރެޓްސްއިންވެސް ވާދަކުރިއެވެ. އެޕާޓިގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ އިންތިޚާބުގެ 3ވަނަ އެވެ. މިއާއެކު އެމްޑީޕީން ދަ ޑމިކްރެޓްސްއާއި ގުޅެން ބޭނުންވިއެވެ. ނަމަވެސް ޑިމޮކްރެޓުންގެ ޑިމާންޑުތަކަށް އެމްޑީޕީއަށް ޤަބޫލުނުކުރެވިގެން ޑިމޮކްރެޓުން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ.