ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ހިތްވަރާއި ދެއްކެވި ސާބިތުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ގާތް އެކުވެރިޔާ ރައީސް މުހައްމަދު ނަޝީދު މަރުޚަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިފަހަރުގެ އިިންތިޚާބުގައި ރައީސް ޞާލިހު ވަނީ ޑރ. މުއިއްޒާއި ވާދަކޮށް ބޮޑު ތަފަތަކުން ބަލިވެފައެވެ. އިންތިޚާބުގައި ރައީސް ޞާލިހު ދެއްކެވި ހިތްވަރަށް މަރުހަބަ ދަންނަވާ ރައީސް ނަޝީދު ވަނީ ރައީސަށް ހިތްވަރު ދެއްވާފައެވެ.
ރައީސް ޞާލިހު ކުރެއްވި ފުރިހަމަ ކެމްޕޭނާއި ދެއްކި ހިތްވަރާއި ރިވެތި މިސާލަށް މަނިކުފާނަށާއި އެމްޑީޕީ އަށް ނުހަނު މަރުޚަބާ ދަންނަވަން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރިޔަސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ ވޯޓުލި މީހުންގެ %46 އެވެ. އިންތިހާބު ކާމިޔާބު ކުރެއްވީ %54 ކާމިޔާބީއަކާއެކު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، އެމަނިކުފާނާއި ރައީސް ސޯލިހާއި ދެ ބޭފުޅުންގެ ގުޅުން ގޯހެވެ. ރޭގެ ނަތީޖާއަށްފަހު ނަޝީދު ވަނީ އިންތިހާބުގެ ނަތީޖައާ ގުޅިގެން އެމްޑީޕީއާ ދިމާ ނުކުރުން އެދިވަޑައިގެންފައެވެ. ނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލު ކުރާ ގޮތުގައި ރައީސް ޞާލިހު ބަލިވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްއެވެ.